ގާހިރާ (ފެބްރުއަރީ 18): ލީބިޔާގައި އައިއެސް ޖަމާއަތް ބާރުގަދަ ކުރަމުންގެންދާ މައްސަލައާބެހޭގޮތުން މަޝްވަރާ ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް އދ. ގައި ތިއްބަވާ ޑިޕްލޮމޭޓުން ވިދާޅުވެއްޖެ އެވެ.

ޑިޕްލޮމޭޓުންނާ ހަވާލާދީ ބައިނަލްއަގްވާމީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން މިޖަލްސާ ބާއްވަނީ މިސްރު ސަރުކާރުގެ އިތުރުން ލީބިޔާގައިވާ ދެސަރުކާރުގެ ތެރެއިން އަބްދުﷲ އައްޘަނީގެ ސަރުކާރުގެ އެދުމަކަށެވެ.

ލީބިޔާގައިވާ ދެ ސަރުކާރުގެ ތެރެއިން އދ.ން އިޢުތިރާފްވެފައިވަނީ އަބްދުﷲ އައްޘަނީގެ ސަރުކާރަށެވެ. މިސްރުގެ ޚާރިޖީވުޒާރާއިންވަނީ މި ޖަލްސާ މިއަދުގެ ވަގުތެއްގައި ބާއްވައިދިނުމަށް އެދި މިސްރާއި ލީބިޔާއިން އދ.ގެ ސެކްރެޓޭރިއަޓް އަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ.

އަނެއްކޮޅުން ލީބިޔާއިން އައިއެސް ޖަމާއަތް ނައްތާލުމަށްޓަކައި ބައިނަލްއަގްވާމީ ލަޝްކަރެއް ލީބިޔާއަށް ވަދެގަތުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީވަނީ ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ.

ފަރަންސޭސިވިލާތުގެ ރޭޑިޔޯ ސްޓޭޝަނެއްކަމަށްވާ "ރޭޑިޔޯ ޔޫރަޕް"އަށް ދެއްވި ބަސްދީގަތުމެއްގައި ސީސީ ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ލަޝްކަރެއް ލީބިޔާއަށް ފޮނުވައިގެން އައިއެސްގެ ލީބިޔާގެ ގޮފި ނައްތާލުމުގެ ވަގުތު ޖެހިއްޖެކަމަށާއި މިފަދަ ލަޝްކަރެއް ލީބިޔާއަށް ވަދެގަތުމަށް ގޮވާލާ ގަރާރެއް ފާސްކުރުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް އިލްތިމާސް ކުރައްވާ ކަމުގައެވެ.

އައިއެސްއިން ލީބިޔާގައި ފައިހަރުކޮށްލަމުންދާއިރު ބައިނަލްއަގްވާމީ މުޖްތަމަޢު ކުޅިބަލަން އޮވެއްޖެނަމަ ހިތި ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީސީ ވިދާޅުވިއެވެ. "ރޭޑިޔޯ ޔޫރަޕް" އަށް ދެއްވި ބަސްދީގަތުމުގައި މިސްރުގެ ރައީސް ވިދާޅުވެފައިވަނީ ލިބިޔާއަށް ބައިނަލްއަގްވާމީ ލަޝްކަރެއް ވަދެގަތުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތްކުރަންޖެހޭ ކަމުގައެވެ.

ލީބިޔާގައި އައިއެސް ޖަމާއަތް ފައިހަރުކޮށް އެޖަމާއަތުގެ ބާރުލީބިޔާގެ ކަންކޮޅުތަކަށް ފަތުރައިފިނަމަ ލީބިޔާގެ ރައްޔިތުންނާއި މިސްރުގެ އިތުރުން ޔޫރަޕަށާއި ހުޅަނގު އެފްރިކާގެ އަރަބި ގައުމުތަކަށްވެސް ވަރަށްބޮޑު ނުރައްކަލެއް ކުރިމަތިވެ ހުޅަނގާއި މެދުއިރުމައްޗާ ދެމެދު ހިނގާ އިގްތިސާދާއި ވިޔަފާރީގެ މުޢާމަލާތްތައްވެސް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމުގެ އިންޒާރު ސީސީ ދެއްވި އެވެ.

ސީސީމިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ލީބިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން މިސްރުގެ 21 މީހަކު ވަގަށްނެގުމަށްފަހު އެމީހުން ކަތިލައި ކަރުބުރިކޮށްލައިގެން މަރާލި ޖަރީމާއާ ގުޅިގެން މިސްރަށާއި މުޅި ދުނިޔެއަށް ޝޮކެއް ލިބިފައިވަނިކޮށެވެ. މިޖަރީމާއަށް ބަދަލުހިފުމުގެ ގޮތުން މިސްރުން ލީބިޔާއަށް ދިން ވައިގެ ޙަމަލާތަކުގައި ލީބިޔާގެ އާންމުންގެ އެތަށްބަޔަކު މަރުވެފައިވާއިރު އެޙަމަލާތަކުން އައިއެސްއަށް ގެއްލުމެއް ލިބުނުކަން ސާފުވެފައެއްނުވެއެވެ.

ލީބިޔާގައި ވާދަވެރި ދެސަރުކާރު އޮތުމުގެ ސަބަބުން ޓެރަރިސްޓް ޖަމާއަތްތަކުގެ މަރުކަޒަކަށް ލީބިޔާ ވެދާނެކަމުގެ ބިރު ހީވެފައިވާކަމަށް ބުނެ ލީބިޔާގެ ވާދަވެރި ސިޔާސީ ފަރާތްތައް ގުޅިގެން ވަތަނީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ލީބިޔާގެ ސިޔާސީ ފަރާތްތަކަށް އިއްޔެވަނީ އިލްތިމާސްކޮށްފައެވެ. (ނޫސްއެޖެންސީތައް)