18 Feb 2015, 02:37
ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް 10 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއަށް އަމަލު ކުރަން ފެށުމަށް ރޫލިންއެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކޮށް ނެރުއްވި ރޫލިންގައި ބުނެފައިވާ ގޮތުން އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ހަތަރު ގާނޫނެއްގައި ބަޔާންކޮށްފައިވާ މާއްދާތައް ބާތިލްވާނެ އެވެ.
ސުޕްރީމް ކޯޓުގެ ރޫލިންއިން ބާތިލްކޮށްފައިވާ މާއްދާތަކަކީ ހައި ކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި 90 ދުވަހުގެ ތެރޭ އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ މާއްދާ އާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލަތައް 60 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ މާއްދާ އެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބުނެފައިވާ މާއްދާގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަމުގެ ގާނޫނުގައި ބުނެފައިވާ މާއްދާ ވެސް އެ ރޫލިންގެ ދަށުން ބާތިލްކޮށްފައިވެ އެވެ.
"ފުރަތަމަ މަރުހަލާގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ކުރާ ހުކުމްތަކާއި ނިންމުންތައް ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގައި އަމަލު ކުރަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2015/06/SC ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމުގައި ކަނޑައަޅައިފީމެވެ.
މިދިޔަ މަހު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާގައި ބުނެފައި ވަނީ ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރަން ޖެހޭނީ އެ މައްސަލައެއް ނިންމިތާ 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވާ ފޯމް ފުރިހަމަކޮށް ހުށަހަޅައިގެން ކަމަށެވެ.
އެ ފޯމް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން އެ ފޯމާއި އެ މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް ހައިކޯޓަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.
މީގެ އިތުރުން ހައިކޯޓަށް އެ ލިޔުންތައް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި އެކަން ކަމާބެހޭ ފަރާތަށް އެންގުމާއެކު އިތުރު ހުށަހެޅުމެއް ހުށަހެޅުމަކާ ނުލައި، އެ މައްސަލަ އިސްތިއުނާފުކޮށް ނިންމުމަށްޓަކައި އިޖުރާއީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އަޅަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.
އުއްތަމަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވާ އާންމުކުރައްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ 10 ދުވަސް ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކޮށްފައިވާ ހުކުމްތަކާއި ނިންމުންތައް ކަމަށެވެ.