17 Feb 2015, 21:53
ސަރުކާރުގެ ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުން ޖިންސުގެ ހަމަހަމަކަން ނުފެންނަ ކަމަށް ޖެންޑާ މިނިސްޓްރީއާ ހަވާލުވެ ހުންނެވި މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އަންހެނުުންނަށް ކުރާ އަނިޔާއާއި ޖިންސުގެ ތަފާތުކުރުންތައް ނައްތާލުމަށްްޓަކާ އަޑުއުފުލާ އެކަމުގައި އެހީތެރިވާނެ ފިރިހެނުން އުފެއްދުމަށް ސޯލްޓް ކެފޭ ރެސްޓޯރެންޓުގައި މިއަދު ބޭއްވި "ހީ ފޮ ޝީ" ގެ ނަމުގައި ހިންގި ތަމްރީން ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އެޓާނީ ޖެެނެރަލް (އޭޖީ) އަނިލް ވިދާޅުވީ، ރާއްޖޭގެ މުޖުތަމައު އަށް ބަލާލި ނަމަވެސް ތަފާތު ކުރެވެނީ ކޮންބަޔަކަށްކަން ފާހަގަވެގެންދާނެ ކަމަށެވެ.
އެގޮތުން، ކުރިން ތައުލީމީ ދާއިރާގައި އޮތް ޖިންސުގެ ތަފާތު ކުރުންތައް ނައްތާލެވިފައިވާ ކަމަށް ފާހަގަކުރައްވާ އަނިލް ވިދާޅުވީ، ވަކި މަގާމްތަކެއް ނުވަތަ ވަކި ބާވަތެއްގެ ވަޒީފާތަކުގައި ދެ ޖިންސުގެ ހަމަހަމަކަން ނުފެންނަ ކަމަށެވެ.
"ވަކި ބާވަތްތަކެއްގެ ވަޒީފާތައް ފިޔަވައި، ދެންހުރި ގިނަ ވަޒީފާތަކުގައި ދެ ޖިންސުގެ ހަމަހަމަކަމެއް ނުފެނޭ. ވަކި މަގާމު ތަކަށް ބަލާއިރު، ހާއްސަކޮށް ސިޔާސަތުތައް ކަނޑައެޅުމުގައި ކަންކަން ނިންމުމުގައި ރައްޔިތުންގެ މަޖިލީހުގައި ކެބިނެޓުގައި ޝަރުއީ ދާއިރާގައި އަމިއްލަ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި އަންހެން ބޭފުޅުން މަދު. އެކަމުގައި ކޮންމެވެސް ސަބަބެއް އޮންނާނެ،" އަނިލް ވިދާޅުވި އެވެ.
މުޖުތަމައުގައި އަންހެނުންނަށް ދޭ އަހައްމިއްޔަތުގެ ސަބަބުން އެއީ ދެ ޖިންސުގެ ތަފާތު ކުރުން ސިފަ ކުރެވެމުންދާ ކަމަށް އިޝާރާތް ކުރައްވައި އަނިލް ވިދާޅުވީ، އަންހެނުންނަކީ މުޖުތަމައުގެ ދެބައިކުޅަ އެއްބައި ކަމަށާއި އެ މީހުންނަށް ފުރުސަތުތައް ދޭންޖެހޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ފަސް އަންހެން މެންބަރުން. އެކަމަކު ހަގީގަތަކީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ކަމެއްގައި ސޮސައިޓީގެ ދެބައިކުޅަ އެއްބައި މީހުންގެ ވިސްނުން އެއޮތީ އެންމެ ފަސް މެންބަރުންގެ އަތުގައި. މިއީ އިންސާފުތޯ. އެބޭފުޅުންނަށް އަޅުނގަޑުމެންނަށް ވިސްނާނުލެވޭ އެތައް ކަމެއް ވިސްނާލެވޭނެ،" އަނިލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކާ އަންހެނުންނެކޭ އެއްވަރަށް ފިރިހެނުން ބައިވެރިނުވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި މުޖުތަމައުގެ ވިސްނުމުގައި ހުރި ބައެއް ސަގާފަތްތައް ނައްތާލެވިގެން ނުވަތަ ކުޑަކުރެވިގެން ނޫނީ އެކަމުގައި ރަނގަޅު ނަތީޖާތަކެއް ހާސިލް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ހީ ފޮ ޝީ" ކެމްޕެއިނަކީ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ޔޫއެން ވުމެން އިން އިސްނަގައިގެން އަންހެނުންނަށް ކުރާ އަނިޔާއާ ދެ ޖިންސުގެ ތަފާތުކުރުންތައް ނައްތާލުމުގައި ފިރިހެން ތަމްރީން ކުރުމަށް ހިންގާ ކެމްޕެއިނެކެވެ.
އެގޮތުން، ޖެންޑާ މިނިސްޓްރީ އާއި 643 ޖަމިއްޔާ އާއި ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ "ހީ ފޮ ޝީ" ގެ ތަމްރީން ޕްރޮގްރާމުގައި 25 އަށްވުރެ ގިނަ ޒުވާން ފިރިހެނުން ބައިވެރިވެފައިވެ އެވެ.