14 Feb 2011, 14:07
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކުރަނީސް އެއްވެސް ކެންޑިޑޭޓަކާބެހޭ އެއްވެސް ކަމެއްގެ ވީޑިއޯ ނުނެގުމަށް އަންގާފައިވާ އޮއްވާ ކެންޑިޑޭޓަކު ހޮވިގެން އުފާ ފާޅުކުރި ވީޑިއޯ ނަގައި ދެއްކި ޕްރޮޑިއުސަރަކު އެމްއެންބީސީން ސަސްޕެންޑްކޮށްފި އެވެ.
މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން، އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކުރަނީސް އެއްވެސް ޕާޓީއެއްގެ އެއްވެސް ކެންޑިޑޭޓަކާ ބެހޭ ހަބަރެއް، އަދި ހަރަކާތެއް ވެސް ނުގެންދިނުމަށް ކުންފުނިން ނިންމާފައިވާ ކަމަށެވެ.
"އަނެއް ކަމަކީ ހުރިހާ ވޯޓް ފޮށިތަކެއް ބަންދު ކުރުމުގެ ކުރިން ވެސް އެފަދަ އެއްވެސް މައުލޫމާތެއް ނުގެންނަން އޮންނާނީ އަންގާފައި. އެހެން އޮއްވާ ކެންޑިޑޭޓަކު ހޮވިގެން އުފާފާޅުކުރަން ބޭއްވި ލޮރީބުރެއްގެ ވީޑިއޯ އަޅުގަނޑުމެންގެ ޕްރޮޑިއުސަރަކު ނަގައި ދެއްކީ. އެކަމާ ގުޅިގެނެ އޭނާ ސަސްޕެޑްކުރިން،" ހަލީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕްރޮޑިއުސަރު ސަސްޕެންޑްކޮށް ތިން ދުވަހު ގޭގައި ބެހެއްޓުމަށް ފަހު އަލުން ވަޒީފާއަށް ނެރެފައިވާ ކަމަށެވެ. އެއީ ކާކު ކަމެއް ހަލީލް ވިދާޅެއް ނުވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޕްރޮޑިއުސަރު ސަސްޕެންޑްކުރީ މާލޭ ސިޓީގެ މައްޗަންގޮޅީ ދެކުނު ދާއިރާއަށް ހޮވިވަޑައިގަަތުމުން ސަރަނގު އާދަމް މަނިކު ބޭއްވެވި ލޮރީ ބުރެއްގެ ވީޑިއޯތައް ނަގައިގެނެވެ. ސަސްޕެންޑްކުރީ އެމްއެންބީސީގެ ކޮން ޕްރޮޑިއުސަރެއްކަން ސާފުވާ ގޮތެއް ނުވި އެވެ.