10 Apr 2010, 12:08
ވިލިމާލޭގެ ފްލެޓެއްގެ ފަސް ވަނަ ބުރިން ވެއްޓުނު އަށް އަހަރުގެ ކުއްޖާ ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.
އާއިލާ އިން ވާހަކަދެއްކި މީހަކު ބުނީ އެހާދިސާ ހިނގީ ރޭ 8:30 ހާއިރު ވިލިމާލޭގައި އެމީހުން ދިރިއުޅޭ އެޕާޓްމަންޓް ކަމުގައިވާ އެދުރުވެހީގެ ބެލްކަނީގައި އެކުއްޖާ ހުއްޓާ ކަމަށާއި ނަމަވެސް އޭނާ ވެއްޓެން ދިމާވި ސަބަބެއް އާއިލާއަށްވެސް އެނގިފައި ނުވާ ކަމަށެވެ. އަދި ބެލްކަނީގައި ހުރެފައި އެނާ ޝަމްޝުއްދީން މަގުގެ ޕޭމަންޓު މައްޗަށް ވެއްޓުނުކަން އެގުނީވެސް އެތާގައި އެވަގުތު ތިބި މީހުން އައިސް އެންގުމުން ކަމަށް ވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ އެހާދިސާއާ ގުޅިގެން އެކުއްޖާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެންގޮފައިވާ ކަމަށާއި އެތެރެ ހަށީގެ ބައެއް ކަށިތައް ބިންދައިގެން ގޮސްފައިވުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.
އެކުއްޖާ މަރުވީ އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.