ލީބިޔާގެ ލީޑަރު ކާނަލް މައުމުރުލް ގައްޒާފީ އަށް ފަހު ލީބިޔާ ބޮޑު ހަމަނެހުން ގަނޑަކަށް ވެއްޓުނު ނަމަވެސް، ގައްޒާފީގެ ވެރިކަން ވައްޓާލުމަށް އެހީވީތީ ހިތާމަ ނުކުރައްވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޫން އިއްޔެ ވިދާޅުވެއްޖެ އެވެ.

ގައްޒާފީ އަށް ފަހު ލީބިޔާ ވަނީ ހަމަނުޖެހުމުގެ ބޮޑު ވަޅުގަނޑަކަށް ވެއްޓިފަ އެވެ. އަދި އިސްލާމިކް ސްޓޭޓަށް ނިސްބަތްވާ ލީބިޔާގެ މިލިޓަންޓް ގްރޫޕަކުން ވަނީ މިސުރުގެ 21 ކްރިސްޓިއަނެއްގެ ބޯބުރިކޮށްލައިފަ އެވެ.

ިއިނގިރޭސި ބޮޑުވަޒީރު އިޝާރާތް ކުރެއްވީ ގައްޒާފީ އަށް ފަހު އިނގިރޭސި ވިލާތާއި އަދި ދުނިޔެ ވެސް ހަމަޖެހުމުގެ ނޭވައެއް ލާފައިވާ ކަމަށާއި ގައްޒާފީގެ ޒަމާނުގައި އައިއާރުއޭ އަށް ގޮވާ ސާމާނު ފޯރޮކޮށްދީގެން ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

ނަމަވެސް ކެމަރޫން ވިދާޅުވީ ދުނިޔެ އާ ހިތްވަރަކާ އެކު ކުރިމަތިލައި ލީބިޔާ އަށް ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ 21 ކްރިސްޓިއަނުންގެ ކަރު ބުރިކޮށްލައި މަރާލުމަކީ ވަރަށް އިންސާނިއްޔަތު ކަމެއް ނެތް އަމަލެއް ކަމަށާއި އެކަން ކުރީ އިސްލާމިކް ސްޓޭޓަށް ނިސްބަތްވާ ބަޔަކު ކަމަށެވެ.

ޔުކުރޭންގެ މައްސަލާގައި ޖަރުމަނު ޗާންސެލާ އާއި ފްރާންސްގެ ރައީސް ފްރެންކޮއިސް ހޮލޭންޑޭ ރަޝިޔާގެ ރައީސް ވެލެޑިމިއާ ޕްޓިންއާ އެކު ވާހަކަތައް ލީޑް ކުރާ އިރު އިނގިރޭސީންގެ ދައުރެއް ނެތުމުން ކެމަރޫނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މާލިމީ ކަމުގައި، ލީބިޔާގައި ޑިމޮކްރަސީއާ އެއްކޮޅަށް މަސައްކަތް ކުރި އެކްޓިވިސްޓުންނަށް 2011 ވަނަ އަހަރު އެހީތެރިވެދީ، ގައްޒާފީ ވައްޓާލުމަށް ވަނީ އެހީތެރިވެދީފަ އެވެ. ނަމަވެސް ގައްޒާފީގެ ވެރިކަމަށް ފަހު ލީބިޔާގައި ގާބިލު ސަރުކާރެއް އުފެއްދުމަށް، އެ ސަރުކާރު ވައްޓާލި މީހުން ވަނީ ނުކުޅެދިފަ އެވެ.

ކެމަރޫން ވިދާޅުވީ އިނގިރޭސި ވިލާތުގެ ބަޖެޓުގެ ތެރެއިން ލީބިޔާ އަށް އެހީވަމުން އަންނަ ކަމަށާއި ލިބާގައި ސިކިއުރިޓީން ތަމްރީން ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އިނގިރޭސި ވިލާތުން ކަމަށެވެ. އަދި ލީބިޔާގައި އެއްބައިވަންތަ ކަމުގެ ސަރުކާރެއްް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެކަމަކު އޭނާ ވިދާޅުވީ ލީބިޔާގެ ހާލަތު ވަރަށް ގޯސް ކަމަށާއި ރަނގަޅު ސަރުކާރެއް ނެތި ލީބިޔާގައި އެތައް ގްރޫޕަކުން ހަތިޔާރު ގެންގުޅޭ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ އިސްލާމިކް ސްޓޭޓްގެ ފަރާތުން 21 ކްރިސްޓިއަނުން މަރާލީ އެއްވެސް ރަހުމެއް ނެތި ކަމަށާއި އެ "އަނިޔާވެރި" އަމަލުން މުޅި ދުނިޔެ ހުއްޓުން އަރާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޓެރަރިސްޓުންގެ ބާރު ކަނޑުވާލައި ލީބިޔާގައި އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމު ކުރުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ކެމެރޫން ވިދާޅުވީ ގައްޒާފީ އޭނާގެ ރައްޔިތުންނަށް އަނިޔާކޮށް މެރި އިރު، އޭނާގެ ވެރިކަން ނިމުމަކަށް ގެނައުމުން ހިތާމަކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އެއީ ލީބިޔާ އާއި އިނގިރޭސި ވިލާތަށް ވެސް އެންމެ ރަނގަޅު ގޮތް. ގައްޒާފީއަކީ އަހަރުންގެ ރައްޓެއްސެއް ނޫން. އަދި ގޮވާތަކެތި އައިއާރުއޭ އަށް ފޯރުކޮށްދީ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެެއް ދީފައި." ކެމަރޫން ވިދާޅުވި އެވެ. ކެމެރޫން ވިދާޅުވީ އިނގިރޭސީންނާއި ދުނިޔެ ގުޅިގެން މަސަކަތްކޮށް، ލީބިޔާގައި އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމު ކުރެވިދާނެ ކަމަށެވެ.
މައުލޫމާތު: ދަ ޓެލެގްރާފް