އަމިއްލައަށް އުފައްދާފައިވާކަމަށް ބެލެވޭ ބަޑިއެއް ލ. ގަމު ވަލުތެރެއިން ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއެކު، އިންޓެލިޖެންސާއި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެ ހަތިޔާރު ފެނިފައިވަނީ ލ. ގަމު ވަލުތެރޭގައި ފޮރުވާފައި އޮއްވާ ކަމަށެވެ.

" މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހަތިޔާރުކަމަށް ބެލެވޭ އެއްޗެއް ފެނުމާއެކު އެހަތިޔާރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، މިމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. މިއާއެކު ފުލުހުންގެ އިންޓެލިޖެންސާއި، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި، ފޮރެންސިކް ފުލުހުންނާއި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މިމައްސަލަ ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ." ފުލުހުން ބުންޏެވެ.