17 Feb 2015, 20:11
ކިޑްނީ ފެއިލްވާ މީހުންގެ ލޭގެ ތެރެއަށް ޖަމާވައި ހަށިގަނޑަށް ބޭނުންނުވާ އަދި ހަށިގަނޑަށް ވިހަ މާއްދާތައް ލޭގެ ތެރެއިން ސާފުކުރާ މެކޭނިޒަމެއް ކަމަށްވާ ޑައިލިސިސްގެ ހިދުމަތް ލ. ގަން ރީޖަނަލް ހޮސްޕިޓަލުން ދޭން ފަށައިފި އެވެ. މިއީ އަތޮޅުތަކައި އެ ހިދުމަތް ދޭން ފެށި ހަތަރު ވަނަ ސިއްހީ ފަރުވާދޭ މަރުކަޒެވެ.
ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ، ހެލްތް މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތް ހުންނެވި އަދި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އެވެ.
ލ. ގަން ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި މުހައްމަދު އަބްދުއް ސަމަދު "ސަން"އަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ޑައިލިސިސްގެ ހިދުމަތް މިއަދު ދޭން ފަށާފައިވަނީ، ޒަމާނީ ވަސީލަތްތަކާ ޑައިލިސިސް ހަދާ ދެ މެޝިނާ އެކުގައި ކަމަށެވެ.
އެގޮތުން، ޑައިލިސިސްގެ ހިދުމަތް އެއް ފަހަރާ ދެ މީހުންނަށް އަދި ދުވާލެއްގެ މައްޗަށް ހަތަރު މީހުންނަށް ފަސޭހަކަމާއެކު މެދުކެނޑުމެއް ނެތި ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ޑައިލިސިސް ހެދުމުގެ ހިދުމަތް ތައާރަފްކުރި އިރު، ޑައިލިސިސްގެ ހެދުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި މާލޭގައި ޑައިލިސިސް ހަދަމުންދިޔަ ދެ މީހަކު ވެސް އެނބުރި ރަށަށް އައިސްފައިވާ ކަމަށް ސަމަދު ވިދާޅުވި އެވެ.
"ހިދުމަތް ދޭން ފެށުމާއެކު މާލެއަށް ބަދަލުވެ ޑައިލިސިސް ހަދަމުންދިޔަ އެރަށުގެ ދެ ޕޭޝަންޓަކު ވަނީ އެނބުރި ރަށަށް އައިސް ފަރުވާ ނަގަން ފަށާފައި. އެއް ޕޭޝަންޓަކަށް މިއަދު ފަރުވާދިން އިރު، އަނެއް ޕޭޝަންޓުގެ ފަރުވާ ފަށާނީ މާދަމާ. އެބޭފުޅުން ކޮންމެ ހަފްތާއަކު ތިން ދުވަހު ޑައިލިސިސް ހަދަންޖެހޭ." ގަން ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސަމަދު ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހަައްމަދު ހަބީބް ވިދާޅުވީ، ޑައިލިސިސްގެ ހިދުމަތް މިހާރު މާލޭގެ އިތުރުން ހުޅުމާލެ އާއި އައްޑޫ ސިޓީ އާއި ރ. އުނގޫފާރުގެ އިތުރުން ހދ. ކުޅުދުއްފުށީގައި ވެސް ތައާރަފްކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ ހުރިހާކަމެއްކޮށް ނިމި، އަންނަ ހަފްތާ ތެރޭގައި ހިދުމަތް ދޭންފަށާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.