17 Feb 2015, 19:50
މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވިގެން ލ. މާވަށު ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މާވެށިން ހައްޔަރު ކުރި 14 މީހުންގެ ތެރެއިން 10 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ ހައްޔަރު ކުރި 14 މީހުންގެ ތެރެއިން 10 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި އެ މީހުންގެ ބަންދަށް 5 ދުވަސް އިތުރު ކުރީ އިއްޔެ ލ. ގަމު ތުނޑީ އަވަށު މެޖިސްޓްރޭޓު ކޯޓުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ 14 މީހުންގެ ތެރެއިން 4 މީހުން ފުލުހުން ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ ހައްޔަރު ކުރި މީހުންގެ ތެރެއިން 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ވެސް ހިމެނޭ ކަމަށެވެ. އެ މައްސަލާގައި ހައްޔަރު ކުރި އެންމެންނަކީ ވެސް ފިރިހެނުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.