އޭފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި މިއަދު ފިލިޕީންސްގެ ސެރެސް 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން މިހާރު މާޒިޔާ އަތުގައި އޮތީ "ހުކުމުގެ އަތް ބައެއް" ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން ބުނީ މިހާރު މާޒިޔާގެ ސްކޮޑުގައި ތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު، ކޮންމެ ކުޅުންތެރިއަކު މެޗުގެ ކޮންމެ ހިސާބަކުން އެރުވިޔަސް ޓީމްގެ ސްޕީޑާއި ޕާފޯމެންސަށް ބަދަލު ނާންނާނެ ކަމަށެވެ.

"ކުރު ގޮތަކަށް ބުނާނަމަ މިހާރު މާޒިޔާ އަތުގައި މިއޮތީ ހުކުމުގެ އަތް ބައެއް، ކޮންމެ ގަނޑެއް ޖެހިޔަސް ގަނޑު ކާމިޔާބު ކުރެވޭ ވަރުގެ ސްކޮޑެއް މިހާރު މާޒިޔާގަ އޮތީ. މެޗުގެ ކޮންމެ ހިސާބަކުން ކޮންމެ ކުޅުންތެރިއަކު އެރުވިޔަސް މާޒިޔާގެ ސްޕީޑާއި ޕާފޯމެންސް ދަށެއް ނުވާނެ. މިއަދު މަޗަށް އެރުވި ބަދަލު ކުޅުންތެރިންގެ ފަރާތުންވެސް އެކަން ފެނިގެން ގޮސްފި. ޓީމުގެ ސްޓްރެންތު މިހާރު ވަރަށް ވަރުގަދަ،" ސުޒޭން ބުންޏެވެ.

ސުޒޭން ވަނީ މިއަދު މާޒިޔާގެ ފުރަތަމަ 11 ގައި އެ ޓީމްގެ ޒުވާން މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) ނުހިމެނުނަސް އޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވުމުންވެސް މާޒިޔާގެ މިޑްފީލްޑަށް ވެރުގަދަ ވެގެން ދިޔަކަން ފާހަގަ ކޮށްފައެވެ. އަދި އިރޭގެ އިތުރުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އައި މުހައްމަދު އުމޭރު ދެއްކި ކުޅުމަށްވެސް ސުޒޭން ވަނީ ތައުރީފު ކޮށްފައެވެ.

"އިރޭ ފުރަތަމަ 11 ގައި ނުހިމެނުނަސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާވެސް އޭނާއަކީ އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާކަން އޭނާ ދައްކުވައިދީފި. އޭނާ އެރުވުމުން މިއަދު މާޒިޔާގެ މިޑްފީލްޑު ވަރަށް ބޮޑުތަން ރަނގަޅުވި. އޭގެ އިތުރުން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އަސަދުﷲ ހޮވުނު ސަބަބުވެސް މިއަދުގެ މެޗުގައި އޭނާ ދައްކުވައިދީފި. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ރަން ބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާނީ މާޒިޔާގެ އަސަދުﷲ ނުވަތަ އުމޭރު. އެއީ މާޒިޔާގެ އަމާޒެއް،" ސުޒޭން ބުންޏެވެ.

މިއަދުގެ މެޗު ކާމިޔާބުކޮށް، ޕީޕަލްސް ކަޕްގެ ރަނަރަޕްކަންވެސް ހޯދި މާޒިޔާ މިހާރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ދަތުރުކޮށްފައި ވާއިރު، ސުޒޭން ބުނީ މިއަދުގެ ކާމިޔާބީއަކީ މާޒިޔާގެ މުޅި ސީޒަން ސަލާމަތް ކުރުން ފަދަ ކަމެއް ކަމަށެވެ.

"ހަގީގަތުގައި މިއަދުގެ މެޗަކީ މާޒިޔާއަށް ވަރަށް މުހިންމު މެޗެއް، އެއީ މި މެޗު ކާމިޔާބު ކުރެވުމުން މި ސަލާމަތް ވެގެން ދިޔާއީ މާޒިޔާގެ މުޅި ސީޒަން. މިއަދުގެ މެޗުން ބަލިވިނަމަ އޭޕްރިލް މާހާ ޖެހެންދެން ކުޅުންތެރިން ތިބެން ޖެހޭނީ ވާދަވެރި މެޗެއް ނުކުޅެ، އެހެންކަމުން އަހަރުގެ ސީޒަނާ ކުރިމަތިލާއިރު ޓީމްގެ ރޫހު ވަރަށް ދަށްވުން އެކަށީގެންވޭ،" ސުޒޭން ބުންޏެވެ.

އޭގެ އިތުރުން ސުޒޭން ވަނީ މިއަދު ދަނޑަށް ސަޕޯޓުކުރަން ވަތް ބައެއް ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔަ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އެފަދަ ކަންކަން ހުއްޓުވުމަށް އެފްއޭއެމަށް ގޮވާލާފަ އެވެ.