17 Feb 2015, 19:05
މިދިޔަ އަހަރު ފިލިޕީންސްގެ ޔޫއެފްއެލް ލީގުގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކުރި ސެރެސް އެފްސީ 1-0 ގެ ނަތީޖާއަކުން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޭއެފްސީ ކްޕަގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ވެއްޖެ އެވެ.
އޭއެފްސީ ކަޕަށް ކޮލިފައިވާން މިއަދު މާލެ ގަލޮޅު ދަނޑުގައި ކުޅުނު ޕްލޭއޮފް މެޗުގައި މާޒިޔާ ކާމިޔާބު ކުރި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 81 ވަނަ މިނެޓުގައި މާޒިޔާގެ ޑިފެންޑަރު ސަމްދޫހު މުހައްމަދު ނަގައިދޭން މަސައްކަތް ކުރި ހުރަހެއް ސެރެސްގެ ގޯލް ތެރެއަށް ވަނުމުންނެވެ.
މެޗުގެ ދެވަނަ ހާފްގެ ފުރަތަމަ ކޮޅު ވެސް މާޒިޔާ ވަނީ ސެރެސްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ދެވަނަ ހާފް ފެށިތާ ފަސް މިނެޓުތެރޭ މާޒިޔާގެ ހުސެއިން ނިޔާޒް (ބޮކުރީ) ނަގައިދިން ހުރަހަކުން އުމޭރު ކުރިއަށް ފޮނުވާލި ބޯޅަ ސެރެސްގެ ކީޕަރު ލުއީ މައިކަލް ކަސަސް ވަނީ ދިފާއުކޮށްފަ އެވެ. އަދި ރީބައުންޑް ބޯޅައަށް މަސައްކަތްކޮށް މާޒިޔާގެ ސްޕެނިޝް ފޯވާޑް ސެރެސްގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލިއިރު، ރެފްރީން ފައުލަކަށް ކަށިގަނޑު ފުމުނެވެ.
އޭގެ ހަ މިނެޓު ފަހުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވެސް ވަނީ ސެރެސްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފަ އެވެ. އަސަދުﷲ ފޮނުވާލި ފުރަތަމަ ޝޮޓު މާޒިޔާ ކުޅުންތެރިއެއް ގައިގާ ޖެހި ބޭރުވުމުން، އޭނާ ފޮނުވާލި ދެވަނަ ޝޮޓު ދިފާއު ކޮށްފައި ވަނީ ސެރެސްގެ ކީޕަރެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ޖެހިފައި ނުވާއިރު، މާޒިޔާއިން މެޗު ފެށީ ރަނގަޅު ހަމަލާއަކާ އެކު އެވެ. ނަމަވެސް އެ ހަމަލާގައި މާޒިޔާއާ މިދިޔަ މަހު ގުޅުނު މުހައްމަދު އުމޭރު ފޮނުވާލި ބާރު ޝޮޓު ދިޔައީ ގޯލަށް އަމާޒު ނުވެއެވެ.
ފުރަތަމަ ވަގުތުކޮޅު މެޗު ކޮންޓްރޯލް ކުރަމުން ދިޔަ މާޒިޔާއަށް ހަ ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައި ސަމްދޫހު މުހައްމަދު ނެގި ބޯޅަ ސެރެސްގެ ގޯލްކީޕަރު އަތުގައި ޖެހިފައި ގޯލްލައިން މައްޗަށް ވެއްޓުނު އިރު، އެ ބޯޅަ ސެރެސްގެ ޑިފެންޑަރަކު ވަނީ ސާފުކޮށްލާފައެވެ.
ފުރަތަމަ ހާފްގެ މެދުތެރޭ ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި އެ ހާފްގެ ފަހުކޮޅު މާޒިޔާ ފޯވާޑް ލައިނަށް ސެރެސްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު، ސެރެސްގެ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ ވަނީ މާޒިޔާގެ ކީޕަރު އިމްރާން މުހައްމަދަށް ނުރައްކާތެރި ތިން ޝޮޓެއް ސޭވް ކުރަން މަޖުބޫރު ކުރުވާފަ އެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި އެޑްރިއަން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުކޮށް، މާޒިޔާގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް އެ ލަނޑު ކާމިޔާބު ކުރިއިރު އޭނާއަށް ހުރެވުނީ އޮފްސައިޑުގަ އެވެ.