17 Feb 2015, 18:06
ދިރާގު ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުން އިތުރުވާތީ އަމިއްލަ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ސިމްކާޑު އެހެން ފަރާތްތަކަށް ބޭނުން ކުރަން ނުދިނުމަށް ދިރާގުން އިލްތިމާސްކޮށްފި އެވެ.
ދިރާގުން އެގޮތަށް އިލްތިމާސް ކޮށްފައި މިވަނީ މޮބައިލް ފޯނު މެދުވެރިކޮށް ކުރާ ފޯނުކޯލް ތަކުން ކަސްޓަމަރަށް އޮޅުވާލައިގެން ފައިސާ އަތުލުން ފަދަ މައްސަލަތައް އިތުރުވަމުންދާތީ އެވެ. އަދި އެފަދަ މައްސަލަތައް ދިރާގަށް ހުށަހަޅަމުންދާ މިންވަރު އިތުރުވަމުންދާތީ ކަމަށެވެ.
ފޭކު ފޯނުކޯލްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ ވަކި އިނާމެއް ލިބޭނެކަމަށް ބުނެ އޮޅުވާލައިގެން ދިރާގުގެ މުއައްޒަފެއްގެ ނަމުގައި ނުވަތަ ކުންފުނީގެ ނަމުގައި ކުރާ ފޭކު ކޯލްތަކުން ފައިސާ އަތުލަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ގުޅާފައި ނުބުނާނަން ވަކި ނަންބަރަކަށް ރީލޯޑް ނުވަތަ ރާސްޓަސް ކޮށްދޭކަށް. އެހެންވީމަ ހުރިހާ ކަސްޓަމަރުންނަށް ވެސް އަޅުގަނޑު ދައްނަވާލަން އެގޮތައް އަންނަ ފޯނު ކޯލެއް ނަމަ އެއީ ފޭކު ކޯލެއް. އެ ކޯލުން ބުނާ ކަމެއް ނުކުރުމަށް އިލްތިމާސް ކުރަން،" މިރުޝާން ވިދާޅުވި އެވެ.
އެފަދަ މައްސަލަތައް ދިރާގުން ދަނީ ފުލުހުންނާ ގުޅިގެން ބަލަމުންނެވެ. އެކަމާ ގުޅިގެން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް ޝަރީފް ވިދާޅުވީ އެފަދަ މައްސަލަތަކަށް ވަރަށްބޮޑު ސަމާލުކަމެއް ދީގެން ފުލުހުން މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކޯލްތަކުން ވަކި ނަންބަރަކަށް ފައިސާ ފޮނުވައިދޭން ބުނެފިނަމަ އެކަން ކޮށް ނުދިނުމަށް ފުލުހުން އިލްތިމާސް ކުރާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މައްސަލަތައް ތަހުގީގު ކުރާއިރު އެފަދަ ކޯލްތައް ކުރާ ނަންބަރުތައް ހޯދައި އެއީ ކޮންފަރާތެއްގެ ނަމެއްގައި ނަގާފައިވާ ނަންބަރެއްތޯ ފުލުހުން ބަލަމުންގެންދާނެ އެވެ. އެހެންކަމުން އަމިއްލަ ނަމުގައި ނަގާފައިވާ ނަންބަރު އެހެން ފަރާތްތައް ބޭނުން ކުރަން ނުދިނުމަށް ދިރާގުން އިލްތިމާސް ކުރެއެވެ.