ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އަލުން ދައުވާ ނުކުރުމަށް އެމްޑީޕީން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އަށް ގޮވާލައިފި އެވެ.

ނަޝީދުގެ މައްޗަށް އަލުން ދައުވާ ނުކުރުމަށް ގޮވާލައި އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދުގެ މައްޗަށް އަލުން ދައުވާ ކުރުމަކީ ރައްޔިތުންގެ އަޣްލަބިއްޔަތު ނުރުހޭނޭ ކަމަކަށް ވާތީ އެ ދައުވާ އަލުން ކުރާނަމަ އެކަމުގެ ސަބަބުން އުފެދިދާނޭ ހަމަނުޖެހުމަކަށް ބަލައި އެ ދައުވާ ނަޝީދުގެ މައްޗަށް ނުކުރުމަށް ގޮވާލާ ކަމަށެވެ.

"ރައީސް މުޙައްމަދު ނަޝިދުގެ މައްޗަށް އަލުން ދަޢުވާކުރުމަކީ ދިވެހިރައްޔިތުންގެ އަޣްލަބިއްޔަތު ނުރުހޭނޭ ކަމަކަށްވާތީ، މިދަޢުވާ އަލުން ކުރައްވާނަމަ އެކަމުގެ ސަބަބުން އުފެދިދާނޭ ހަމަނުޖެހުމާއި، ޢާންމު ނުތަނަވަސްކަމަށް ރިޢާޔަތްކުރައްވައި، މި މައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަލުން ދަޢުވާނުކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުުގައި އިތުރަށް ބުނެފައި ވަނީ ނަޝީދުގެ މައްޗަށް 2012 ވަނަ އަހަރު ދައުލަތުން އުފުލާފައިވާ ދަޢުވާ މިހާރު އަނބުރާ ގެންދަވާފައިވާއިރު އެއީ އެތަކެއް އަހަރުތަކެއް ވަންދެން ނަޝީދަށާއި އެމްޑީޕީއަށް އެތައް ގޮތަކުން ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމެެއް ކަމަށެވެ. އަދި ދައުވާ އަނބުރާ ގެންދިއުމުން ދޭހަވަނީ ނަޝީދުގެ މައްޗަށް ޖިނާޢީ ދައުވާއެއް ނުވަތަ ހުކުމެއް ކުރެވޭނެ ހެކިތައް ނެތް ކަން ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ސިޔާސީ ބޭނުމެއް ހާސިލް ކުރުމަށް ކަމަށް ވެސް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައި ކެމްޕޭންގެ ޙަރަކާތްތަކުގައި މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް އެތައް ފަހަރަކުވަނީ ކެމްޕޭނަށް ހުރަސްއެޅޭ ގޮތަށް އެމަނިކުފާނު ހައްޔަރުކުރައްވައި ކޯޓަށް ހާޒިރުކުރައްވާފައެވެ. މިކަމުގެ ސަބަބުން ޕާޓީގެ ހަރަކާތްތަކަށް ދަތިވެ މުޅި ކެމްޕޭނަށް އެކަމުގެ އަސަރު ކުރިއެވެ،" އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އިއްޔެ ވަނީ އަނބުރާ ގެންގޮސްފަ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކޮށްފައިވާ ދައުވާތަށް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައި ވަނީ އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކަމަށް ބުނެ އެެވެ.