ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދުކުރާ ގޯޅިތަކުގައި ޖަހާފައި ހުރި ދަގަނޑުތައް ނެގީ އެމެޖެންސީ ހާލަތްތަކުގައި އެ މަގަކަށް ނުވަތަ ގޯޅިއަކަށް ނުވަދެވޭނެތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓާ މިއަދު "ސަން" އަށް ވިދާޅުވީ، މަގުތަކުގައި ޖަހާފައި ހުރި ހޮޅިތައް ނެގި ނަމަވެސް އެ މަގުތައް އާންމުކޮށް ނުހުޅުވާނެ ކަމަށެވެ. އަދި އެތަނުގައި ހުންނާނީ ވަގުތީ ގޮތުން ބެރިކޭޑު ބަހައްޓާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތަނުގައި ވަގުތީ ގޮތުން މިހާރު ހުންނާނީ ބެރިކޭޑު ޖަހާފައި. އެއީ ހަމަ ވަގުތީ އިނގޭތޯ. ހަގީގަތުގައި އެތަނުން އަޅުގަނޑުމެން ޖަހާފައި ހުރި ހޮޅިތައް ނެގީ އެއީ އެމެޖެންސީ ހާލަތްތަކުގައި އެތަނަކަށް ނުވަދެވޭނެތީވެ،" މީޑިއާ ކޯޑިނޭޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބަންދުކޮށްފައިވާ މަގުތަކުގައި "މަގު ހުރަސް ދަނޑި" ޖެހުމަށް ނިންމާފައިވާ ކަމަށާއި އެކަން މިހާރު ވަނީ ފައިނަލް ވެފައި ކަމަށެވެ.

ރައްޔިތުންނަށް ހިތް ފަސޭހަ ތަނަކަށް މާލެ ހެދުމަށް ހިންގާ މަޝްރޫއުތަކުގެ ދަށުން ހެންވޭރު ރަތްވިލާމަގާއި ހީނާގޯޅި މި ހަފްތާގެ އާދިއްތަ ދުވަހު ބަންދުކޮށްފައިވާއިރު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ގޯޅިތަކަކީ ފިހާރަތަކާއި ގުދަންތައް ހުންނަ މަގުތަކަށް ވުމުން އެސަރަހައްދުތަކަށް ރޭގަނޑުގެ ވަކި ވަގުތެއްގައި ވަކި ގަޑިއިރަކަށް އުޅަނދުތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.