ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓުބޯޅަ ޓީމާއި، 18 ވަނަ އިންޓަ އޮފިސް އަދި ކުންފުނިތަކުގެ ބާސްކެޓް މުބާރާތުގައި ބައިވެރި ވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ހުޅުވާލައިފި އެވެ.

އެމްބީއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަނުން ގައުމީ އަންހެން ބާސްކެޓް ޓީމު އެކުލާވަލަން ބޭނުންވާތީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ ރަސްމީ ގަޑި ނިމުމުގެ ކުރިން އެމްބީއޭއަށް ސިޓީއަކުން ނުވަތަ މެއިލަކުން އެކަން އެންގުމަށް އެދޭކަމަށެވެ.

އޭގެ އިތުރުން އަންނަ މާޗް 25 އިން ފެށިގެން އޭޕްރިލް 11 އަށް އެމްބީއޭއިން ބާއްވަން ތާވަލްކޮށްފައިވާ އިންޓަ އޮފީސް އަދި ކުންފުނިތަކުގެ ބާސްކެޓް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތުވެސް އެމްބީއޭއިން ވަނީ ހުޅުވާލާފައެވެ.

އެކަމާ ގުޅޭގޮތުން އެމްބީއޭއިން ނެރުނު ނޫސް ބަޔާނުގައި، އެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތައް އަންނަ މާޗް މަހުގެ އަށްވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކަން އެމްބީއޭއަށް ލިޔުމަކުން އެންގުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުގެ ޓީމް ލިސްޓު ހުށަހެޅުމަށް އެމްބީއޭއިން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހަކީ މާޗް މަހުގެ 15 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިންނެވެ.

އަންހެން ޑިވިޝަނާއި ފިރެހެން ޑިވިޝަން އެކުލެވޭގޮތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިންޓަ އޮފީސް މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެމްބީއޭގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް އެމްބީއޭއިން ވަނީ ބުނެފައެވެ.

އިންޓަ އޮފީސް މުބާރާތުގެ އިތުރުން އިންޓަ ޔުނިވާސިޓީ/ކޮލެޖް ބާސްކެޓް މުބާރާތްވެސް އަންނަ މަހުގެ އެކެއްގައި އެމްބީއޭއިން ފަށަން ވަނީ ނިންމާފައެވެ.

އެމްބީއޭއިން މިމަހުގެ ކުރީކޮޅު ގިނަ ހަރަކާތްތަކެއް ތާވަލްކޮށް އެ އެސޯސިއޭޝަންގެ އަހަރީ ކަލަންޑަރު އާންމުކޮށްފައި ވާއިރު، އަހަރީ ކަލަންޑަރު އެކުލަވަލާފައި ވަނީ އެމްބީއޭގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކާ ނުލައެވެ. އޭގެ އިތުރުން މި އަހަރު އެމްބީއޭއިން ބޭއްވި 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ މައްސަލަވެސް ޔޫތު މިނިސްޓްރީން ބަލަމުން ދާކަމަށް ޔޫތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.