އެބޯލާ ވައިރަހުގެ ނުރައްކާތެރިކަން ލައިބީރިއާގައި ބޮޑުވެ، ބަލި ފެތުރިދާނެ ކަމުގެ ބިރަށްޓަކައި ބަންދު ކުރި އެ ގައުމުގެ ސްކޫލުތަށް ހަމަސް ދުވަހަށް ފަހު އިއްޔެ ހުޅުވައިފި އެވެ.

އެބޯލާގެ ސަބަބުން ބަންދުކުރި ލައިބީރިއާގެ ސްކޫލުތަށް ބަންދުކުރުމަށް ފަހު އަލުން ހުޅުވާފައިވާ އިރު، އެބޯލާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސްކޫލުކުދިން އަމިއްލަޔަށް ސާފުތާހިރުވުމުގެ ނިޒާމުތަށް ސްކޫލުތަކުގައި ހަމަޖައްސާފައިވެ އެވެ. އެގޮތުން ކްލޮރިންކޮށްފައިވާ ފެނުން އަތް ދޮވުމަށް ފަހު ސްކޫލުތެރެއަށް ވަދެވޭގޮތަށް ސްކޫލުތަކުގެ ބޭރުގައި ފެން އިސްކުރު ބަހައްޓާފައިވެ އެވެ.

ގިނަދަުވަސްތަކަަކަށްފަހު ސްކޫލުތަށް ހުޅުވުމުން ކުދިންގެ މޫނުމަތިން ފެނިފައިވަނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ.

ލައިބީރިއާގެ ސުކޫލެއްގައި ކިޔަވާ ކުއްޖެއް ކަމަށްވާ އަލްބާޓު ކޯލީ، 18، އޭޕީ ނިއުސްއަށް ބުނެފައިވަނީ އަލުން ސުކޫލުތަށް ހުޅުވި، ދިރިއުޅުމައިގެން ކުރިއަށް ދެވޭތީ އުފާވާ ކަމަށާއި، ލައިބީރިއާއިން އެބޯލާގެ ބިރުވެރި ވައިރަސް ފިލައިގެން ދިއުންއެދި ދުއާކުރާ ކަމަށެވެ.

"ގިނަ ދުވަސްތަކަކަށް ފަހު ސްކޫލު ހުޅުވުނީމަ ވަރަށް އުފާވޭ. އަނެއްކާވެސް ރައްޓެހިންނާއި ދިމާވާތީ،" "އަހަރެން އެއްގޮތަކަށްވެސް ބިރެއްނުގަނޭ އެބޯލާގެ ވާހަކަ އަޑުއިވިގެން، އެއީ ލައިބީރިއާގެ ހުރިހާއެންމެނަށްވެސް މިހާރު އެބޯލާ އެނގޭ،" އަލްބާޓު ކޯލީ ބުނެފައިވެ އެވެ.

ލައިބީރިއާގެ އިތުރުން އެގައުމާ އަވައްޓެރި ގިނީިގެ ސްކޫލުތަށްވެސް އެބޯލާގެ ސަަބަބުން ބަންދުކުރުމަށް ފަހު އަލުން ވަނީ ހުޅުވާފަ އެވެ. އެހެންނަމަވެސް އެބޯލާގެ ބިރަށްޓަކައި ބައެއް ބެލެނިވެރިން އެމީހުންގެ ކުދިން ސްކޫލަކަށް ނުފޮނުވަ އެވެ. އަދި ސިއެރެލިއޯނުގައި މާޗު މަހުގެ ތެރޭގައި ސުކޫލުތަށް އަލުން ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތަށް ވަނީ ބުނެފަ އެވެ.

ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ފެތުރެމުންދާ އެބޯލާ ވައިރަހުގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައި ވަނީ ލައިބީރިއާގައެވެ. އެގައުމުގައި 3800 މީހުން ވަނީ އެ ވައިރަހުގެ ސަބަބުން މަރުވެފައެވެ. އަދި ހުޅަގު އެފްރިކާއިން ޖުމްލަ 9000 މީހުން ވަނީ އެބޯލާގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ.