17 Feb 2015, 16:27
ޗެންޕިއަންސް ލީގުގައި މިރޭ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި އެ ޓީމްގެ ސްޓަރައިކަރު ޑިއޭގޯ ކޮސްޓާ ފެންނާނެ ކަމަށް ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ ބުނީ މިރޭ ޗެންޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި މިދިޔަ އަހަރުގެ ފްރެންޗް ލީގު ކާމިޔާބުކުރި ޕީއެސްޖީއާ ދެކޮޅަށް ކޮސްޓާ ނެރެން ވިސްނި ނަމަވެސް، ތިން މެޗު ނުކުޅެ ހުރުމުން ކޮސްޓާ އެހާ ފިޓު ކަމަށް ނުބެލެވޭ ކަމަށެވެ.
"މިރޭގެ މެޗުގައި ކޮސްޓާ ފުރަތަމަ 11 ގައި ހިމަނާނަން. އެކަމު ތިން މެޗު ނުކުޅެ ހުރުމަކީ ކުޅުތެރިއަކަށް އެހާ ރަނގަޅު ކަމެއް ނޫން. ކޮސްޓާ މިވަގުތު ހުރީ އެންމެ ރަނގަޅު ފޯމުގައެއް ނޫން،" މޮރީނިއޯ ބުންޏެވެ.
ކޮސްޓާ ވަނީ މިހާތަނަށް މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީއަށް ކުޅެދިން 19 މެޗުގައި 17 ލަނޑު ކާމިޔާބު ކޮށްފައެވެ. ނަމަވެސް އެންމެ ފަހުން ލީގު ކަޕްގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ އެމްރޭ ކޭންއަށް ކުރި ފައުލަކާ ގުޅިގެން އިނގިރޭސި އެފްއޭއިން ވަނީ އެނާ ތިން މެޗަށް ސަސްޕެންޑު ކޮށްފައެވެ.
ސަސްޕެންޝަންގެ ސަބަބުން ކޮސްޓާއަށް ވަނީ ޕްރިމިއާ ލީގުގައި ޗެލްސީ މެންޗެސްޓާ ސިޓީ އާއި އެސްޓަން ވިލާ އަދި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުވެސް ކަޓާފައެވެ.
މިރޭ ޗެންޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗާ ބެހެގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ އިތުރަށް ބުނީ ޕީއެސްޖީއަކީ ފެންވަރު ރަނގަޅު ޓީމެއް ކަމަށާއި، ނަމަވެސް އެ ޓީމަށް މިދިޔަ ސީޒަނުން މި ސީޒަނަށް މާ ބޮޑު ކުރިއެރުންތަކެއް ލިބިފައި ނުވާ ކަމަށެވެ.
"ޕެރިސް އަކީ ރަނގަޅު ފެންވަރެއްގެ ޓީމެއް، ނަމަވެސް އެއީ ހަމަ މިދިޔަ ސީޒަންގައިވެސް އޮތް ޓީމު. ޗެލްސީއަކީ މިހާރު ތަފާތު ޓީމެއް. އަހަރުމެންގެ ކުޅުންތެރިންވެސް މިހާރު ތަފާތު، އަދި އަހަރުމެން ކުޅޭ ގޮތްވެސް މިހާރު ތަފާތު ވާނެ،" މޮރީނިއޯ ބުންޏެވެ.
މިދިޔަ އަހަރުގެ ޗެންޕިއަންސް ލީގުގައި ޗެލްސީ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ ކަޓުވާލާފައެވެ. ނަމަވެސް ކުއާޓާ ފައިނަލްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ޕެރިސް ވަނީ ޗެލްސީގެ މައްޗަށް ކުރި ހޯދާފައެވެ.