17 Feb 2015, 15:37
މާފަންނުގެ ގެއަކުން ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އެ ވައްކަން ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 4:00 އެހާކަންހާއިރު އެގެއަކީ މާފަންނު ދުބުރި މިސްކިތް ކައިރީގައި ހުންނަ ގެއެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެމީހުން ވަަގަށް ނެގި ފައިސާގެ ތެރޭގައި ދިވެހި ފައިސާއާއި އިންޑިއަން ރުޕީސްއާއި ލެޕްޓޮޕާއި ފޯން ފަދަ އެއްޗެހި ހިމެނެ އެވެ.
https://www.youtube.com/watch?v=nGRs9iZsi8A
ފުލުހުން މިއަދު އާއްމުކޮށްފައިވާ ސީސީޓީވީ ފޫޓޭޖްއަކުން ފެންނަނީ އެ ދެ މީހުން ހަތަރު އަގޮޅިއެއް އޮތް ހިސާބަކުން ދެ މީހަކު އެކުގައި ހިނގާފައި އައިސް، އެ ހިސާބުގަނޑުގެ ހިމަ ގޯޅިއެއްގައި ހުރި ގެއަކަށް އެކުއެކީގައި ވަންނަމަންޒަރެވެ. އަދި ބައިގަޑިއެއްހާ އިރުފަހުން އޭގެ ތެެރެއިން އެކަކު ނުކުމެ މަގުގެ ދެކޮޅު ހޯދައި ބެލުމަށްފަހު، އެގޭގެ ދޮރުތެރޭގައި ހުރި ދެވަނަ މީހާއަށް ބޮލުން އިޝާރާތެއް ކުރުމުން އެ މީހާ ވެސް ނުކުމެ، ދެ މީހުން އެކުގައި ހިނގާފައިދާ ތަން އެވީޑިއޯ އިން ފެނެ އެވެ.
ނަމަވެސް އޭގެ ހަމަ ފަސްވަރަކަށް މިނެޓް ފަހުން އެ ދެމީހުން އެކުގައި ހިނގާފައި އައިސް އަނެއްކާ ވެސް އެގޭ ތެރެއަށް ވަދެ އެވެ. އެއަށްފަހު އޭގެ ދޮރުތެރޭގައި ހުރި ދަބަހައެއް އޭގެތެރެއިން އެކަކު ކޮނޑުއަޅައިގެން، ދެ މީހުން އެކުގައި ނުކުމެގެންދާތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރިވިސް ގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.