މި މަހުގެ ތެރޭގައި 22 މިސްކިތެއް ބިޑަށްލާން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ބިޑަށް ލުމަށް ނިންމާފައިވާ 22 މިސްކިތުގެ ތެރޭގައި ގދ. ތިނަދޫ އިސްލާމިކް ސެންޓަރު ވެސް ހިމެނޭ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ބިޑަށް ލުމަށް ނިންމާފައިވާ 22 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ ސައުދީ ރަސްގެފާނުގެ އަމިއްލަފުޅު ހަރަދުގައި ބިނާ ކުރައްވާ 10 މިސްކިތް ކަމަށެވެ. އަދި ބާކީ ހުރި މިސްކިތްތައް ބިނާ ކުރާނީ ސަރުކާރުން ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"ޓެންޑާ ކުރެވޭ 22 ތަނުގެ ތެރެއިން 10 ތަނަކީ ސައުދީ ކިންގު ސަލްމާންގެ އަމިއްލަފުޅު ހަރަދުގައި ބިނާ ކުރެވޭ 10 ތަން. ބާކީ ދިވެހި ސަރުކާރުން،" ޝަހީމް ކުރެއްވި ޓުވީޓްގައިވެ އެވެ.

ރާއްޖޭގައި މިސްކިތްތައް ބިނާ ކުރުމަށާއި އިސްލާމިކް މިނިސްޓްރީން ކުރައްވާ ގިނަ ކަންތައްތަކަށް ސައުދީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.

ރާއްޖޭގައި 10 މިސްކިތެއް ބިނާކުރުމަށް ފައްޓާފައިވާ މަޝްރޫއަށް ސައުދީ ވަލީ އަހުދު ސަލްމާން ބިން އަބްދުލް އަޒީޒް 1.2 މިލިއަން ޑޮލަރު މިދިޔަ އަހަރު ވަނީ ހަދިޔާ ކުރައްވާފައެވެ.