ރ. އަލިފުށްޓާއި ވ. ތިނަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި- އިލެކްޝްނަށް ކުރިމަތިލުމުގެފުރުސަތު ހުޅުވައިލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން ބުނީ އެ ދެ ކައުންސިލުން ހުސްވެފައިވާ މެމްބަރު ކަމުގެ ގޮނޑިއަށް ކުރިމަތިލުމަށް ބާއްވާ ބައި އިލެކްޝަންސް އަންނަ އެޕްރީލް މަހުގެ ހަަތަރު ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މާޗް މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.

ބައި އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އެޕްރީލް ހަތަރު ވަނަ ދުވަހުގެ ހެނދުނު 8:00 ގަ އެވެ. ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނެވެ.

އަލިފުށި ކައުންސިލްގެ ބައި އިލެކްޝަން ބާއްވަނީ އެރަށު ކައުންސިލްގެ ކުރީގެ މެމްބަރު އަބްދުއްލަތީފް އަބްދުﷲ އަމިއްލަފުޅު ސަބަބަކާ ހުރެ ކައުންސިލުން އިސްތިއުފާދެއްވުމާ ގުުޅިގެން އެ މަގާމް ހުސްވުމުންނެވެ. އަދި ތިނަދޫ ކައުންސިލްގެ ބައި އިލެކްޝަންސް ބާއްވަނީ އެރަށު ކައުންސިލްގެ ކުރީގެ ނައިބް ރައީސް ޝަމްއޫން އަބްދުﷲ ވެސް އަމިއްލަފުޅު ސަބަބަކާ ހުރެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.