17 Feb 2015, 15:17
ދަރިވަރުންނަށް ހާއްސަކޮށްގެން ހުޅުވާލި އުމްރާ ދަތުރަށް 25 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް "ސަން" އަށް ވިދާޅުވީ، މާޗު މަހުގެ ސްކޫލް ބަންދާ ދިމާކޮށް އުމްރާއަށްދާން ބޭނުންވާ މީހުންނަށް ހުޅުވާލި ފުރުސަތުގައި 25 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ އެންމެ ދަރިވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުނގަޑަށް ހީވަނީ މިފަހަރުގެ އުމްރާ ދަތުރަށް ދަރިވަރުން ރަޖިސްޓްރީ ކުރި އަދަދު މަދުވީ މާޗް މަހުގެ ބަންދަކީ ސްޓަޑީ ބްރޭކްއަކަށް ވެފައި ބްރޭކަށްފަހު އިމްތިހާންތައް ފެށޭނެތީ ކަމަށް،" ހައްޖު ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވި އެވެ.
ދަރިވަރުންނަށް ހާއްސަ އުމްރާ ދަތުރަށް ރަޖިސްޓްރީ ކުރަން ހުޅުވާލާފައިވަނީ، މިދިޔަ މަހުގެ 22 އިން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮންމެ އުމުރު ފުރާއަކަށް ވެސް ރަޖިސްޓްރީވެވޭނެ ގޮތަށް ހުޅުވާލި އެ އުމްރާ ދަތުރަށް ނަގާނީ 23،965 ރުފިޔާ އެވެ. އެހެން އުމްރާ ދަތުރުތަކާ ހިލާފަށް ހާއްސަ ކަންތައްތަކެއް ހިމެނިގެންދާނެ އެ ދަތުރަށް މީހުން ފުރަން ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ.