14 Feb 2011, 13:15
ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ކަމަށް ޑރ. މުސްތޮފާ ލުތުފީ އައްޔަން ކުރައްވަން ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށް ސަރުކާރުގެ އިސް އޮފިޝަަލަކު މިއަދު ކަށަވަރުކޮށްދެއްވައިފި އެވެ.
ރައީސް މުހައްމަދު ނަޝީދު، ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ކަމަށް ޑރ. މުސްތޮފާ ލުތުފީ އައްޔަން ކުރައްވާ ފަތްކޮޅު ދެއްވާނީ މާދަމާ ހެނދުނު އޮންނަ ގައުމީ ޔުނިވާސިޓީ ގާއިމް ކުރުމުގެ ރަސްމީ ޖަލްސާގަ އެވެ.
ސަރުކާރުގެ އެ އޮފިޝަލު މިއަދު ވިދާޅުވީ ޗާންސެލާގެ މަގާމަށް ޑރ. މުސްތޮފާ ލުތުފީ، ރައީސް ހަމަޖެއްސެވީ އެކަމަށް ގާބިލު ވަރަށް ގިނަ ވަނަވަރުތައް ރައީސް ބައްލަވައި ދިރާސާ ކުރެއްވުމަށް ފަހުގައި ކަމަށާއި އެކަމަށް އެންމެ އެކަށީގެން ވަނީ ޑރ. މުސްތޮފާ ލުތުފީ ކަމަށް ފެނިވަޑައިގެން ކަމަށެވެ.
"ރައީސް ބެއްލެވި ވަނަރުތައް. ރައީސް ބެއްލެވި އިލްމީ ގާބިލު ކަމަށާއި ނަތީޖާ ހާސިލު ކުރެވޭ މިންވަރަށާއި ތައުލީމީ ދާއިރާގެ ތަޖުރިބާއަށް،" އެ އޮފިޝަލު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވެވި ޑރ. މުސްތޮފާ އެކަމާބެހޭ ގޮތުން ރައީސް އެމަނިކުފާނާ މަޝްވަރާ ކުރައްވާފައިވާ ކަމަށައި އެކަމަކު ޗާންސެލާކަން ލިބިވަޑައިގަންނަވާކަން އޭނާއަށް ޔަގީންވާނީ މާދަމާ ކަމަށެވެ.
މާދަމާގެ ޖަލްސާގައި ޗާންސެލާ އިއުލާންކޮށް ފަތްކޮޅު ދެއްވުމަށްފަހު ގައުމީ ޔުނިވާސިޓީގެ ސިއްކަ ޗާންސެލާއާ ހަވާލު ކުރުން ވެސް އޮންނާނެ އެވެ.
ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތުގައި ގައުމީ ޔުނިވާސިޓީ ގައުމީ ޔުނިވާސިޓީ އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ރައީސްލް ޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެ އެވެ.