17 Feb 2015, 15:07
ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެއްޖެނަމަ ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް އޭނާގެ ބައްޕަ ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަރުހަމްގެ ބައްޕަ އަބްދުލް ޣަފޫރު އަލީގެ ބަޔާން ނެގުމުގެ ކުރިން ގާޒީ ވަނީ އިސްލާމީ ޝަރީއަތުގައި ގާތިލުންނާ މެދު އަމަލުކުރަން އޮންނަ ގޮތްތައް ކިޔައިދީފައެވެ.
ގާޒީ ވިދާޅުވީ އިސްލާމީ ޝަރީއަތުގައި އޮންނަގޮތުން ގާތިލުގެ ކިބައިން ގިސޯސް ހިފިދާނެ ކަމަށާއި އަދި ގިސޯސް ހިފުމުގެ ބަދަލުގައި މަރުގެ ދިޔައަށް ވެސް އެދެވިދާނެ ކަމަށެވެ. ހަމައެހެންމެ ގާތިލަށް މައާފް ދިނުމަކީވެސް އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އަރުހަމްގެ ބައްޕަ ބުނީ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ ސާބިތުވެއްޖެނަމަ ބޭނުންވަނީ މަރަށް މަރު ކަމަށެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާނާއި މއ. ސީނަރީވިޔު އާތިފް ރަޝީދު އާއި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމް އާއި ހަމައެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށެވެ.
އެ ހަތަރު މީހުންގެ މައްޗަށް އުފުލާފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި މަންޒަރު ދުށް މީހުންގެ ހެކިބަސް މީގެކުރިން ވަނީ ނަގާފައެވެ. އަދި ދައުވާއަށް އިންކާރުކޮށް ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ވެސް ވަނީ ނަގާފައެވެ.
އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން ހާޒިރުކުރެވިފައި ނުވަނީ ވީޑިއޯ އެނަލިސިސް ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރު އެކަންޏެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ، އޭނާ ޝަރީއަތަށް ހާޒިރުކުރެވިފައި ނުވަނީ ނިއުޒީލެންޑުގައި ކިޔާވާ ވިދާޅުވަން ހުންނެވުމުން ކަމަށެވެ. އެހެންކަމުން އެ ރިޕޯޓުގައި ވެރިއެއްގެ ގޮތުގައި ސޮއިކުރައްވާފައިވާ ފުލުސް އޮފިސަރު ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ.
ގާޒީ ވިދާޅުވީ އެ ރިޕޯޓަކީ މުހިންމު ރިޕޯޓެއް ކަމަށް ދައުލަތުން ބުނާ ކަމަށާއި އެ ރިޕޯޓާ ބެހޭ ފުރިހަމަ މައުލޫމާތު އެނގިވަޑައިގަންނަވާނީ އެ ރިޕޯޓު ތައްޔާރުކުރި ފަރާތަށް ކަމަށެވެ.
އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ފުލުސް އޮފިސަރުގެ ހެކިބަސް ނެގުމަށްޓަކައި، ނިއުޒީލެންޑުގައި ދިވެހި އެމްބަސީއެއް ހުރޭތޯ ޗެކްކޮށްދިނުމަށް ގާޒީ މިއަދު ވަނީ ދައުލަތަށް އަންގާފައެވެ.
ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އިތުރު އަޑުއެހުމެއް މާޗް މަހުގެ ފުރަތަމަ ދުވަހު ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.