17 Feb 2015, 14:52
މިވަގުތުގެ އެއްމެ ބޮޑު އަމާޒަކީ ހިއްސާގެ ބާޒާރު ތަރައްގީކުރުން ކަމަށް ސީއެމްޑީއޭގެ ސީއީއޯ އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
މަގާމާއި ހަވާލުވި ފަހުން މީޑިއާ އަށް ފުރަތަމަ ފަހަރަށް މައުލޫމާތު ދެއްވަމުން ނަސީރު ވިދާޅުވީ، " ހުރިހާ ވަގުތަކާއި ހަކަތައެއް ހޭދަކުރާނީ ހިއްސާގެ ބާޒާރު ތަރައްގީ ކުރަމަށް،" ކަމަށެވެ.
އޭނާ ވިދާޅުވީ، 'ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮޓޯރިޓީ' އެ ނަމުގެ ވެސް އެއްމެ މުހިއްމު ބަޔަކީ ޑިވެލޮޕްމެންޓް ކަމަށެވެ.
ހިއްސާގެ ބާޒާރު ތަރައްގީ ކުރުމުގެ އިތުރުން ހިއްސާގެ ބާޒާރާއި ގުޅޭ ތަފާތު ގަވައިދުތައް ތަންފީޒު ކުރުމަކީ ވެސް ސީއެމްޑީއޭގެ ޒިންމާއެކެވެ.
'ސަން' އާ ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ، ހިއްސާގެ ބާޒާރާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ވެސް ތަފާތު ޕްރޮގްރާމްތަކެއް ރޭވިފައިވާ ކަމަށެވެ.
ނަސީރު ވިދާޅުވީ، ގާނޫނާއި ގަވާއިދުތައް ހަދަންޖެހޭނީ ރާއްޖެއަށް ފެތޭ ގޮތަށް ކަމަށާއި، ބޭރުން "އިމްޕޯޓް" ކުރާ ގާނޫނުތަކާއި ގަވައިދުތައް ރާއްޖޭގައި ތަންފީޒު ނުކުރެވޭނެ ކަމަށެވެ.
އަހުމަދު ނަސީރަކީ މާލީ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ނަސީރު ވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައެވެ.