17 Feb 2015, 14:17
ލ. ދަނބިދޫ ބަނދަރު އަލުން ހެދުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ދަނބިދޫގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
ދަނބިދޫގައި ކުރިން އޮތް ބަނދަރު ހަލާކުވެފައިވާތީ އަލުން ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކުރީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެމަސައްކަތް ނުފެށި މިހާ ލަސްވީ ބަނދަރު ހަދަން އޭރު ހަމަ ޖެހިފައި އޮތް ގޮތާއި މެދު ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައް ހުރެގެން، އެމައްސަލަތައް ހައްލު ކުރުމަށް ކަމަށް މިނިސްޓަރު މުއިއްޒު މިއަދު ސަން އަށް ވިދާޅުވި އެވެ.

ދަނބިދޫ ބަނދަރުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
"... ރައްޔިތުންގެ ބައެއް އިޝޫސްތައް ހުރެގެން ނުފެށި އޮތީ އޭރު،" މިނިސްޓަރު ވިދާޅުވިއެވެ.
މައްސަލަތައް ހައްލުވެ، ބަނދަރު ހެދުމުގެ މަސައްކަތް އަލުން ފެށި އިރު ބަނދަރު ސައިޒަށާއި ލޮކޭޝަނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެހެންވެ، އަގަށް ވެސް ބަދަލެއް އައިސްފާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ލ. ދަނބިދުއަށް ވަޑައިގަތުމުން އެރަށުން މަރުހަބާ ދަންނަވަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
އެގޮތުން މިހާރު އެ ބަނދަރުގެ މިހާރުގެ އަގަކީ 34 މިލިޔަން ރުފިޔާއެވެ. އެ ބަނދަރުގެ މަސައްކަތް 2013 ވަނަ އަހަރު އެމްޓީސީސީއާ ފުރަތަމަ ހަވާލުކުރީ 29.7 މިލިޔަން ރުފިޔާއަށެވެ.

ލ. ދަނބިދޫ ބަނދަރުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ހައުސިން މިނިސްޓްރީ
ދިގުމިނުގައި 450 ފޫޓް އަދި ފުޅާ މިނުގައި 250 ފޫޓް ހުންނަ ގޮތަށް ހަދާ އެނބަދަރުގެ މަސައްކަތް 290 ދުވަސް ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދަނބިދޫ ބަނދަރުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ އިސްވެރިންނާއި ދަނބިދޫ ކައުންސިލްގެ މެމްބަރުންނާއި ރަށުގެ ބައެއް ރައްޔިތުން ބައިވެރިވިއެވެ.