17 Feb 2015, 13:14
ޒުވާނުންނަށް ރަނގަޅު، އެކަށީގެންވާ ކުރިމަގެއް ހޯދައިދިނުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވޯލްޑް ބޭންކުން ސަރުކާރުގެ އެކި މުއައްސަސާ ތަކަށާއި އެކި އެންޖީއޯ ތަކަށް އިރުޝާދު ދީފި އެވެ.
"ޔޫތު އިން މޯލްޑިވްސް" ގެ ނަމުގައި ވޯލްޑް ބޭންކާއި ޔޫތު މިނިސްޓްރީ ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓް ސަރުކާރުގެ މުއައްސަސާ ތަކަށާއި އެކިއެކި އެންޖީއޯތަކަށް ހިއްސާކޮށް، ހިޔާލުފާޅުކުރުމަށް މިއަދު ވަނީ ހޮޓެލް ޖެންގައި ބައްދަލުވުމެއް ބާއްވާފަ އެވެ. ވޯލްޑްބޭންކުން ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައި ވަނީ ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް ކުރެވިދާނެ މައިގަނޑު ހަތަރު ކަމަކާ ގުޅޭގޮތުން ސަރުކާރަށާއި އެކި އެންޖީއޯތަކަށް އިރުޝާދު ދީފައެވެ.
އެގޮތުން ގައުމީ ފެންވަރުގައި ޒުވާނުންނަށް ކެމްޕޭނެއް ހިންގުމަށް ވޯލްޑް ބޭންކުން އިރުޝާދު ދެއެވެ. އެ ކެމްޕޭނުގެ ބޭނުމަކީ ޒުވާނުންނަށް ކުރިއަށް ދިއުމުގައި ހުރި ގޮންޖެހުންތަކާއި ޒުވާނުންނަށް ބޭނުންވާ އެކިއެކި ކަންކަން ހޯދައި އެފަދަ ގޮންޖެހުންތައް ނައްތާލުން ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.
އޭގެ އިތުރުން ޒުވާނުންގެ މަރުކަޒުތައް ރީބްރޭންޑްކޮށް އަބަދު އެ ތަންތަނުގައި ހުންނަ ސިފަ ބަދަލުކުރުމަކީ ގޭންގުތަކުގައި ނުވަތަ މަގުތަކުގެ ކަންމަތީގައި ޒުވާނުން ތިބެންޖެހުން ހުއްޓުވޭނެކަމެއް ކަމަށް އެ ބޭންކުން ބުންޏެވެ. އެގޮތުން އެފަދަ ތަންތަން ރީބްރޭންޑް ކުރާނަމަ އެތަންތަނަށް ޒުވާނުން ވަދެއުޅޭ މިންވަރު އިތުރުވާނެ ކަމަށާއި، އެހެންވެއްޖެނަމަ އެ ތަންތަނުން ޒުވާނުންނަށް ތަފާތު ހުނަރުތައް ލިބި ކުރިއެރުން ލިބޭނެކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
އެފަދަ ތަންތަނުން ހުނަރުލިބިގެން ނުކުންނަ ޒުވާނުންނަކީ ވަޒީފާތަކުގައި ތިބޭ ޒުވާނުންނަށް ހަދަން ވޯލްޑް ބޭންކުން ބޭނުންވެ އެވެ. އެގޮތުން ޒުވާނުންނަށް ވީހާވެސްގިނަ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށް އެ ބޭންކުން އިރުޝާދުދެ އެވެ. އަދި ވަޒީފާއަށް އެމީހުން އަހުލުވެރި ކުރުވުމަށް ސްކޫލް ތަކުން ވެސް އެކަށީގެންވާ ލަފާ އެކަމަށް ދިނުމަށް އެ ބޭންކުން އެދެއެވެ.
ޒުވާނުން ރަނގަޅު ސިއްހަތެއްގައި ދެމި ތިބެއްޖެނަމަ އެއީ ޒުވާނުންނަށް ރަނގަޅު ކުރިމަގެއް ބައްޓަން ކުރެވިދާނެ ކަމެއް ކަމަށް ވޯލްޑް ބޭންކުން ގަބޫލުކުރެ އެވެ. އެގޮތުން އަތޮޅުތަކުގައި ވެސް ތިބި ޒުވާނުންނަށް ސިއްހަތާ ގުޅޭ އެކަށީގެންވާ ވޯކްޝޮޕްތައް ހިންގައި މައުލޫމާތުދޭން ޖެހޭކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް ބޭނުންވާ އިރުޝާދު ޔޫތު މިނިސްޓްރީއަށާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ އިތުރުން އެންޖީއޯތަކަށް ލިބިދީފައިވާ އިރު، ސަރުކާރުން ވެސް ދަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދީ ފުދުންތެރި ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.