17 Feb 2015, 12:54
މާލޭގައި ނައިޓު މާކެޓު ހިންގަން ގޯމީޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ތުހުމަތު ކުރެވޭތީ ފަސް ބޭފުޅެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައި ވަނީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަން ކުރައްވާފައިވާ ދެ ބޭފުޅުން ކަމުގައިވާ ގ. ޗާންދަނީމާގޭ އިބްރާހީމް ސުޖާއު އާއި މ. ސިސްކިން އަހްމަދު ޝަމާހު ރަޝީދުގެ އިތުރުން ކުރީގެ ކައުންސިލަރު މ. ސީކްއީން އަހްމަދު ހަމީދު (ފްލައި) އާއި ގދ. ތިނަދޫ ފަތިސް އަހްމަދު މިޒުހަތު ނައީމާއި އެއަތޮޅު މަޑަވެލި ނެޕްޗޫން އާއިޝަތު ޖުމާނާ މުހައްމަދު ރަޝީދުގެ މައްޗަށެވެ.
އެ ފަސް ބޭފުޅުންގެ މައްޗަށް ވެސް ދައުވާ އުފުލާފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ބިޑު ކޮމެޓީގެ މެމްބަރުގެ ގޮތުގައި ތިއްބަވައި ގަވާއިދާ ޚިލާފަށް ގޯމީޑިއާ އިން ހުށަހަޅާފައިވާ ބިޑުތައް ބަލައިގަނެ، ގަވާއިދާ ޚިލާފަށް މާކްސްދީ ގޯ މީޑީއާއަށް ނައިޓު މާކެޓު ހިންގަން ހަވާލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވަޑައިގެންފައި ވަނީ އެ ފަސް ބޭފުޅުންގެ ތެރެއިން ޝުޖާއު އެވެ. އޭނާ ވަނީ ވަކީލެއްގެ އެހީތެރިކަމާ އެކު ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.
ޕަބްލިކް ޕްރޮސިކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ނައިޓު މާކެޓު ހިންގާނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި އެ އިއުލާނާ ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށް ވެސް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އިސްގާޒީ އަބްދުﷲ މުހައްމަދު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރަން ތިން ދުވަހުގެ ފުރުސަތެއް ޝުޖާއުއަށް ދެއްވުމަށްފަހުއެވެ.
ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާގޮތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭބަންދުކުރުން ކަމަށެވެ.