ޕެރިސް (ފެބްރުއަރީ 17): ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އިޙްތިރާމްކުރާ މިންވަރު ބަލާ އޮބްޒާވަރުންނަށް އެގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުމަށާއި، ނޫންނަމަ އެ އެއްބަސްވުން ރޫޅިދާނެކަމުގެ އިންޒާރު ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އަދި ޔުކްރޭނުން ދީފި އެވެ.

ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް ދެމުންގެންދާ ހަމަލާތަކާބެހޭގޮތުން މި ތިން ގައުމުގެ އިސްވެރިން ފޯނުން މަޝްވަރާ ކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމުގައެވެ.

ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް އިސްވެ ޙަމަލާތައްދެނީ ކޮންފަރާތަކުންތޯ ބެލުމަށްޓަކައި ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ޔޫރަޕްގެ އޮބްޒާވަރުންނަށް ނުދީފިނަމަ ސުލްޙައިގެ އެއްބަސްވުން ރޫޅިގެން ހިނގައިދާނެކަމުގެ އިންޒާރުވެސް މިތިން ގައުމުގެ ލީޑަރުން ދެއްވިއެވެ.

ޔުކްރޭންގެ ސަރުކާރުންވަނީ ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް ހަމަލާތައްދެނީ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރިން މިކަމަށް އިންކާރުކުރެއެވެ.

ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުވުމުގެ ސުލްޙައިގެ އެއްބަސްވުން ވުޖޫދަށް އައީ ބެލަރޫސްގެ ވެރިރަށް މިންސްކްގައި ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއާއި ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލް އާއި ޔުކްރޭންގެ ރައީސް ބީތްރޯ ބޯޝިންކޯއާއި ފަރަންސޭސި ރައީސް ފޮންސްވާ އޮލާންދް، މިދިޔަ ހަފްތާގައި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ. ނަމަވެސް ހަމަލާތައް ބަދަލުކުރުން ހުއްޓުމަކަށް ނާންނާތީ މިއެއްބަސްވުން ދެމިއޮންނާނެ ކަމުގެ ޔަގީންކަންވަނީ ކުޑަވެފައެވެ.

ޔުކްރޭންގައި ހަނގުރާމަ ހިނގަމުންދަނީ ހުޅަނގުގެ ތާއީދު ލިބިފައިވާ ޔުކްރޭންގެ ސަރުކާރު ސިފައިންނާއި ރަޝިޔާގެ ތާއީދު ލިބިފައިވާ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުގެ މެދުގައެވެ. މިދިޔައަހަރުގެ މާޗް މަހު ފެށުނު ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް ފަސް ހާހަށްވުރެ ގިނަމީހުން މަރުވެފައިވާއިރު ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގެ ބޮޑުބައެއް ސުންނާފަތިވެ ލައްކައަކަށްވުރެ ގިނަމީހުންވަނީ ހާލުގައި ޖެހިފައެވެ. (ރޮއިޓާސް)