ދަރްނާ (ފެބްރުއަރީ 17): މިސްރުގެ ޢަސްކަރީ މަތިންދާބޯޓުތަކުން ލީބިޔާގެ އިރުމަތީ ރަށެއްކަމަށްވާ ދަރްނާއަށް އިއްޔެ ހެދުނު ދިން ވައިގެ ހަމަލާތަކުގައި ލީބިޔާގެ ތިން ކުޑަކުދިންނާއި ދެ އަންހެނުން މަރުވެފައިވަނިކޮށް އިއްޔެ ހަވީރުވެސް މިސްރުގެ އަސްކަރީ މަތިންދާބޯޓުތަކުން ދަރްނާގެ އެހެން ސަރަހައްދަކަށް ބޮންއަޅައިފި އެވެ.

މިސްރުގެ ވައިގެ ސިފައިން ލީބިޔާގެ ދަރްނާ ސިޓީއަށް ހަމަލާތައް ދޭންފަށާފައި މިވަނީ ލީބިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން މިސްރުގެ 21 މީހަކު ވަގަށްނެގުމަށްފަހު އެމީހުން ކަތިލައި، މަރާލި ޖަރީމާއަށް ބަދަލުހިފުމުގެ ގޮތުންނެވެ.

މިސްރުގެ ހަމަލާތަކުގައި ލީބިޔާގެ އާންމުން މަރުވަމުންދާ މައްސަލައާގުޅިގެން މިސްރު ސިފައިންގެ އަސްކަރީ ތަރްޖަމާނަކު ވިދާޅުވީ، މިސްރުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ދަރްނާގައިވާ އައިއެސްގެ އަސްކަރީ މަރުކަޒުތަކަކަށް ކަމަށާއި މަދަނީ ތަންތަނަށް ނޫންކަމުގައެވެ.

މިސްރުގެ ހަމަލާތަކުގައި އައިއެސް ޖަމާއަތަށް ގެއްލުމެއް ލިބުނުކަން ނޫނީ އެޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިން މަރުވިކަން ސާފުވެފައެއް ނުވެއެވެ. މިސްރާއި ޔޫއޭއީގެ ތާއީދާއެކު ލީބިޔާގައި ހަނގުރާމަކުރަމުން ގެންދާ ލީބިޔާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ޚަލީފާ ހަފްތަރުގެ ޖަމާއަތުންވަނީ މިސްރުން ލީބިޔާގެ ދަރްނާއަށް ދިން ހަމަލާތަކަށް ތާއީދުކޮށްފައެވެ.
މިސްރުން ހަމަލާތައްދެމުން ގެންދަނީ ޖެނެރަލް ޚަފްތަރުގެ ޖަމާއަތާ ވިލަރެސްކޮށްގެން ކަމަށް ޚަބަރުލިބެއެވެ.

މިސްރުގެ ހަމަލާތަކުގައި އައިއެސް ޖަމާއަތުގެ 40 ވަރަކަށް ހަނގުރާމަވެރިން މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައިވާކަމަށް ޚަފްތަރުގެ ޖަމާއަތުން ބުނިނަމަވެސް މިއީ ތެދެއްކަން ސާފުވެފައެއް ނުވެއެވެ.

ލީބިޔާގެ ވެރިރަށް ތަރާބްލްސްގައި މަރުކަޒު ހުންނަ އަދި ލީބިޔާގެ ބޮޑުބައެއްގައި ވެރިކަންކުރާ އެގައުމުގެ ނެޝަނަލް ކައުންސިލަށް ނިސްބަތްވާ ސަރުކާރުގެ ބޮޑުވަޒީރު ޑޮކްޓަރު ޢުމަރުލްޙާސީ ވަނީ މިސްރުން ލީބިޔާއަށް ދިން ވައިގެ ޙަމަލާތަކަކީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ސިފަކުރައްވާފައެވެ.

ޑރ. ޙާސީ ވިދާޅުވީ އައިއެސްއިން މިސްރުގެ 21 މީހުން ކަތިލައިގެން މެރުމަކީވެސް ޓެރަރިޒަމްގެ އަމަލެއްކަމަށާއި ނަމަވެސް އެކަމަށް ބަދަލުހިފުމުގެ ގޮތުން މިސްރުން ލީބިޔާގެ އާންމުންގެ ބޮލަށް ބޮންއަޅައި ކުށެއްނެތް ކުޑަކުދިންނާއި އަންހެނުން މެރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމުގައެވެ.

މިސްރުގެ ހަމަލާތަކަކީ ޓެރަރިޒަމްގެ އަމަލެއްގެ އިތުރުން އެއީ ލީބިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން ކަމަށްވެސް ޙާސީ ސިފަކުރެއްވި އެވެ. އަދި އާންމުން މަރައިގެން އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތައް ބަލިނުކުރެވޭނެ ކަމަށާއި އައިއެސް ބަލިކުރަންބޭނުންނަމަ މިސްރުން މުއާމަލާތް ކުރަންޖެހޭނީ ލީބިޔާގެ ރަސްމީ ފަރާތްތަކާ ކަމަށްވެސް ލީބިޔާގެ ބޮޑުބައި ކޮންޓްރޯލް ކުރާ ސަރުކާރުގެ ބޮޑުވަޒީރު ޑރ. އުމަރުލްޙާސީ ވިދާޅުވި އެވެ.

ލީބޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ސުލްޙަވެރިކަމާއެކު ހައްލުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެހަނގުރާމައިގެ އެއްފަރާތް ކަމަށްވާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތަށް އަސްކަރީގޮތުންނާއި މާލީގޮތުން އެހީތެރިވާކަމުގެ ތުހުމަތު މިސްރާއި ޔޫއޭއީ ގެ މައްޗަށްވަނީ ކުރެވިފައެވެ.

މިދިޔަ އަހަރުވެސް ޚަލީފާ ހަފްތަރުގެ ޖަމާއަތާ ގުޅިގެން ހަފްތަރުގެ ވާދަވެރި ފަރާތްތަކުގެ އަމާޒުތަކަށް ވައިގެ އެތަށް ހަމަލާތަކެއް ދިންކަމުގެ ތުހުމަތު، މިސްރާއި ޔޫއޭއީ މައްޗަށްވަނީ ކުރެވިފައެވެ. އެމެރިކާވެސް ވަނީ މިސްރާއި ޔޫއޭއީން ލިބިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވަދެ ޚަފްތަރާ އިދިކޮޅު ފަރާތްތަކުގެ އަމާޒުތަކަށް ބޮންއެޅިކަމަށް ބުނެފައެވެ.

ލީބިޔާގައިވާ އައިއެސްގެ މައިމަރުކަޒު ހުންނަނީ މިސްރާ ހާހެއްހާ ކިލޯމީޓަރުގެ ދުރުގައިވާ ލީބިޔާގެ ރަށެއްކަމަށްވާ ސިރްތުގައި ކަމަށް ޖާސޫސީ މައްލޫމާތުތައް ބުނާއިރު އެރަށަށް ވައިގެ މަގުން ހަމަލާތައް ދިނުމުގެ ގާބިލްކަން މިސްރަށް ލިބިފައިނުވާ ކަމަށް އަސްކަރީ ތަޖްރިބާކާރުން ބުނެއެވެ. އަދި މިސްރުގެ ސައިނާ ސަރަހައްދުގައި މިސްރު ސިފައިން އައިއެސް ޖަމާއަތާ ދެކޮޅަށް ދާޚިލީ ވަރުގަދަ ހަނގުރާމައެއް ކުރަމުން ގެންދާއިރު ލީބިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމައެއް ކުރުމަކީ މާގިނަދުވަހު މިސްރަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި މިފަދަ ހާލަތެއްގައި މިސްރުގެ އިގްތިސާދު އިނދަޖެހެން ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް މުޙައްލިލުން ދެކެއެވެ. އެހެންކަމުން މިސްރުގެ ހަމަލާތަކަކީ މިސްރުގެ އެތެރޭން ސީސީއަށް ކުރިމަތިވެފައިވާ ފިއްތުންތަކާ ގުޅިފައިވާ ވަގުތީކަމެއްކަމަށްވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)