ދުނިޔޭގެ އެންމެ މަގުބޫލު އެއް ސޯޝަލް ނެޓްވޯކް ކަމަށްވާ ޔޫޓިއުބްގެ ތާރިހުގައި މިހާތަނަށް އެންމެ ގިނަ ފަހަރަށް ބަލާފައިވާ 10 ވީޑިއޯގެ ތެރޭގައި ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ދެކުނު ކޮރެއާގެ ލަވަކިޔުންތެރިޔާ ސައި (ޕީއެސްވައި)ގެ ދެ ލަވައެއް ހިމެނިއްޖެ އެވެ.

އެންމެ މަޝްހޫރު "ވީޑިއޯ-ޝެއަރިން" ނެޓްވޯކްއަށް މިއަހަރު 10 އަހަރު ފުރިފައިވާއިރު ތާރީހުގައި އެންމެ ގިނަފަހަރަށް މިހާތަނަށް ބަލާފައިވާ ވީޑިއޯއަކަށް ސައިގެ ލަވައެއް ހޮވިފައިވާއިރު އޭނާގެ ދެވަނަ ލަވައަކީ 10 ވަނަ އަށް އެންމެ ގިނައިން ބަލާފައިވާ ވީޑިއޯއެވެ.



އެންމެ ގިނަ ބަޔަކު ބަލާފައިވާ ވީޑިއޯއަކަށް ހޮވިފައިވަނީ ސައި، 2012 ވަނަ އަހަރުގެ ޖުލައި މަހުގައި ނެރެފައިވާ ލަވަ "ގަންގނަމް ސްޓައިލް" އެވެ. މިހާތަނަށް 2.2 ބިލިއަން މީހުން ބަލާފައިވާ އެ ލަވައަކީ އެންމެ ގިނަ 'ލައިކް' ވެސް ލިބިފައިވާ ލަވައެވެ. ގަންގނަމް ސްޓައިލް ރިލީޒް ކުރުމަށްފަހު އޭޕްރިލް 2013 ގައި ރިލީޒް ކުރި ސިންގަލް "ޖެންޓްލްމޭން" މިހާތަނަށް 10 ވަނައަށް އެންމެ ގިނައިން ބަލާފައިވާ ވީޑިއޯއަށް ހޮވިފައިވަނީ 797 މިލިއަން ވިއުސް އާ އެކު އެވެ.

ޗާޓުގެ ދެވަނައިގައި 1.1 ބިލިއަން ވިއުސް އާއެކު އޮތީ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ "ބޭބީ" އެވެ. އެ ވީޑިއޯއަކީ 4.3 މިލިއަން 'ޑިސްލައިކްސް' އާއެކު މިހާތަނަށް އެންމެ ގިނަ ޑިސްލައިކް ލިބިފައިވާ އެއް ލަވައެވެ.

ކޭޓީ ޕެރީ، ޖޫސީ ޖޭ އާ ގުޅިގެން ކުޅުނު ލަވަ "ޑަކް ހޯސް" އަށް 824 މިލިއަން ވިއުސް ލިބި، އެ ލަވަ ވަނީ ތިންވަނަ އަށް އެންމެ ގިނައިން ބަލާފައިވާ ވީޑިއޯއަށް ވެފައެވެ. "އެލްއެމްއެފްއޭއޯ"ގެ އިލެކްޓްރޯ ޑޭންސް ލަވަ "ޕާޓީ ރޮކް އެންތެމް" އަކީ ހަތަރުވަނައަށް އެންމެ ގިނައިން ބަލާފައިވާ ވީޑިއޯ އެވެ. ލޯރެން ބެނެޓް އަދި ގޫންރޮކް ފީޗާ ކޮށްފައިވާ އެލަވައަށް މިހާތަނަށް 820 މިލިއަން ވިއުސް ލިބިފައި ވެއެވެ.

ޗާޓުގެ ފަސްވަނައިގައި ހިމެނެނީ "ހޯމް ވިޑިއޯ"އެކެވެ. "ޗާލީ ބިޓް މައި ފިންގާ.... އެގެއިން" ގެ ނަމުގައި 2007 ގައި އަޕްލޯޑް ކޮށްފައިވާ އެ ވީޑިއޯއަށް 811 މިލިއަން ވިއުސް ލިބިފައިވެ އެވެ. އެ ވިޑިއޯއަކީ ގަދަ 10 ވީޑިއޯގެ ލިސްޓުގައި ހިމެނޭ ވީޑިއޯތަކުގެ ތެރޭގައި މަޝްހޫރު ތަރިއެއް ނުހިމެނޭ ހަމައެކަނި ވީޑިއޯއެވެ.

ހަވަނައިގައި އެމިނެމް އާއި ރިއާނާ ކިޔާފައިވާ ލަވަ "ލަވް ދަ ވޭ ޔޫ ލައި" ހިމެނެއެވެ. މީގެ ފަސް އަހަރު ކުރިން އަޕްލޯޑް ކުރި އެ ވީޑީއޯއަށް މިހާތަނަށް ވަނީ 812 މިލިއަން ވިއުސް ލިބިފައެވެ. ޖެނިފާ ލޮޕޭޒް އާއި ޕިޓްބުލްގެ "އޮން ދަ ފްލޯ" އަށް 809 މިލިއަން ވިއުސް ލިބި ހަތްވަނައަށް އެންމެ ގިނައަށް ބަލާފައިވާ ވީޑިއޯއަށް ވެފައިވާއިރު އަށްވަނައަށް އެންމެ ގިނަ ވިއުސް ލިބުނީ ޝަކީރާގެ "ވައްކާ ވައްކާ" އަށެވެ. ފީފާ ވޯލްޑްކަޕް 2010 އަކަށް ތައްޔާރު ކުރި އެ ލަވައަށް މިހާތަނަށް 807 މިލިއަން ވިއުސް ލިބިފައި ވެއެވެ.

ކޭޓީ ޕެރީގެ "ރޯރް" އަށް 804 މިލިއަން ވިއުސް ލިބިގެން ވަނީ ނުވަވަނައަށް އެންމެ ގިނައިން ބަލާފައިވާ ވީޑިއޯއަކަށް އެ ލަވަ ވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ޔޫޓިއުބަށް 10 އަހަރު ވެފައިވާއިރު އެ ނެޓްވޯކް ހުޅުވާފައިވަނީ 14 ފެބްރުއަރީ 2005 ގައެވެ. ޔޫޓިއުބް ހުޅުވުމާއެކު އޭޕްރިލް މަހުގެ 23 ވަނަ ދުވަހު އެ ސައިޓަށް ފުރަތަމަ ފަހަރަށް ވީޑިއޯއެއް އަޕްލޯޑް ކުރެވުނެވެ. ނަމަވެސް 10 އަހަރަށް ފަހު ޔޫޓިއުބްގައި މިހާރު އެއް ބިލިއަން ޔޫޒާސް ހިމެނެއެވެ. ޔޫޓިއުބަށް ކޮންމެ މިނެޓެއްގެ ތެރޭގައި މިހާރު 300 ގަޑިއިރުގެ ވިޑިއޯ އަޕްލޯޑް ކުރެއެވެ.