14 Feb 2011, 13:22
ރޭ ފަތިހު މަސްވެރިކަމަށް ނުކުމެ އުޅުނު ދެ ދޯންޏެއް ޖެހި ހިނގި ކަނޑުމަތީގެ އެކްސިޑެންޓެއްގައި ދެ ދޯންޏަށް ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ވ. އަތޮޅު ފުސްފަރު ބައްތީގެ ގާތްގަނޑަކަށް ތިން މޭލު ބޭރުގައި ހިނގި އެ ހާދިސާގައި އެކްސިޑެންޓުވީ "އިންޝާ 18" ނަމަކަށް ކިޔާ ދޯންޏަކާއި "ކަޅުބުޅާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.
އެ އެކްސިޑެންޓުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ ދަންވަރު 3:35 ހާކަންހާއިރު ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް، ދެ ދޯންޏަށް ވެސް އެކި ވަރުގެ ގެއްލުންތައްވެފައިވާ ކަމަށާއި ކަޅުބުޅާ ދޯނީގެ ދިރުނބާ ކޮޅުން ބައެއް ފަޅައިގެންގޮސް ދިޔަވި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ދިޔަވުން ކޮންޓްރޯލްކުރީ އެ ދޯނީގައި ހުރި ހަތަރު ޕަމްޕެއް ބޭނުންކޮށްގެން ކަމަށް ވެސް ބުންޏެވެ.
ހާބާ ކްރާފްޓް ލޯންޗުގެ އެހީތެރިކަމާ އެކު ކަޅުބުޅާ ދޯނި ވަނީ ކ. ގުޅީފަޅަށް ވައްދާފައި ކަމަށާއި "އިންޝާ" ދޯނި މާލޭ ފަޅަށް ވައްދައިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.