ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހިސޭންގް ލޫންގް، ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދެވުމަށް އިއްޔެ ކުރެއްވި އޮޕްރޭޝަން ކާމިޔާބު ވެއްޖެ އެވެ.

ލީގެ އޮފީހުން ބުނީ ފިރިހެނުންގެ ޖިންސީ ގުނަވަނަށް ޖެހޭ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދެއްވުމަށް ކުރެއްވި ލީގެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި، އުންމީދަކީ އަވަހަށް ބަލިން ރަގަޅުވުން ކަމަށެވެ.

ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލުގެ ލީޑް ނިއުރޮލޮޖިސްޓް ކްރިސްޓޮފަރ ޗެން އާ ހަވާލާދީ އަލް ޖަޒީރާގައި ބުނެފައި ވަނީ މީގެ ކުރިން ލީ ފަރުވާ ހޯދާފައިވާ ކެންސަރުގެ ބައްޔެއް ކަމަށްވާ ލިމްފޯމާ އާއި ޕްރިސްޓޭޓް ކެންސަރާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އޭރު ކީމޯތެރަޕީގެ އެހީގައި މުޅިން ބަލި ރަގަޅުވި ކަމަށެވެ.

ލީގެ ބައްޔާ މެދު ސުވާލު އުފައްދައި، ސިންގަޕޫރުގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބަލީގެ ސަބަބުން ބޮޑު ވަޒީރުކަމުގެ މަގާމު އަދާކުރެވިދާނެ ތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދެ އެވެ.

ސިންގަޕޫރު ރައްޔިތުންގެ އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ސެންޓެނިއަލް އޭސިއާ އެޑްވައިޒަރަށް ސިންގަޕޫރުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަނޫ ހަސްކަރަން ވިދާޅުވީ ޕްރޮސްޓޭޓް ކެންސަރަކީ އެ އުމުރުގެ މީހުންގެ މެދުގައި އާންމު ބައްޔެއް ކަމަށާއި، ފަސޭހައިން ފަރުވާ ހޯދޭ ބައްޔެއް ކަމަށެވެ. އެހެން ކަމުން އެއީ ވެރިކަން ދޫކޮށްލަންވީ ހާލަތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރުގައި 2017 ވަނަ އަހަރުގެ ޖެނުއަރީގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. އެހެންނަމަވެސް ބައެއް އޮބްޒާވަރުން ފާހަގަކުރާގޮތުން އެގައުމުގެ މިނިވަންކަމަށް 50 އަހަރު ފުރުން މިއަހަރުގެ އޮގަސްޓް މަހު ފާހަގަކުރުމަށް ފަހު އަވަސް އިންތިހާބެއް ބޭއްވުމަކީ މުހިންމު ކަމެކެވެ.