އިނގިރޭސި އެފްއޭ ކަޕްގައި ރޭ ޕްރެސްޓަން ނޯތު އެންޑް 3-1 ގެ ނަތީޖާއަކުން ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް މެންޗެސްޓާ ޔުނައިޓަޑް ދަތުރު ކޮށްފި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއް ޓީމަށްވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. އެ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކީ މެންޔޫ އެވެ. ފުރަތަމަ ހާފްގައި ލިބުނު ދެ ހިލޭ ޖެހުމަކުން މެންޔޫ ޕްރެސްޓަންގެ ގޯލަށް ނުރައްކާ ކުރިއިރު، އެ ދެ ފުރުސަތުގައިވެސް މެންޔޫއަށް ވަނީ ލީޑު ނެގޭގޮތް ނުވެފައެވެ.

ފުރަތަމަ ހާފްގެ މެދުތެރޭ ޕްރެސްޓަންއަށް ވަގުތުކޮޅަކަށް ބޮޅަ ގެންގުޅެލަން ލިބުނު ނަމަވެސް، އެ ޓީމަށް ވަނީ މެންޔޫގެ ކީޕަރު ޑެ ހެއ،ާ ހާސްވާވަރުގެ ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ. ނަމަވެސް ދެވަނަ ހާފް ފެށިތާ ދެ މިނެޓުތެރޭ އެ ޓީމްގެ ސްކޮޓް ލެއާޑް ކާމިޔާބު ކުރި ލަނޑާއެކު، މެޗުގެ ލީޑު ފުރަތަމަ ނެގީ ޕްރެސްޓަން އެވެ.

ޕްރެސްޓަންގެ ލަނޑާއެކު އެ ޓީމް މެޗުގައި ލީޑު ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މެންޔޫ ވަނީ މެޗުގެ 65 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވެލެންސިޔާ ދިން ޕާހަކުން އެންޑްރޭ ހެރޭރާ އެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ފެލާނީ ކާމިޔާބު ކުރި ލަނޑާއެކު މެންޔޫ ވަނީ މެޗުގެ ލީޑު ނަގާފައެވެ.

ދެވަނަ ހާފްގައި މެންޔޫގެ ވެލެންސިޔާ އާއި ހެރޭރާ ގުޅިގެން ޕްރެސްޓަންގެ ގޯލަށް ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވާއިރު، އެ ހާފްގައި ޑި މަރިއާ ވެސް ވަނީ ޕްރެސްޓަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް މެންޔޫއަށް އިތުރަށް މެޗުގެ ލީޑު ފުޅާކޮށްލެވުނީ 88 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމްގެ ކެޕްޓަން ވޭން ރޫނީ ކާމިޔާބު ކުރި ލަނޑުންނެވެ.

ދެ ލަނޑުގެ ލީޑަކާއެކު މެޗު ނިންމާލި މެންޔޫ އެފްއޭ ކަޕްގެ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމް ވާދަކުރަން ޖެހޭނީ އާސެނަލްއާ ދެކޮޅަށެވެ. އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު އެވެ.