17 Feb 2015, 10:45
ރިޓަޔާ ކޮށްފައިވާ އެމެރިކާގެ ޕްރޮފެޝަނަލް އަދި ދުނިޔޭގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ، މެޖިކް ޖޯންސަންއާ ބައްދަލުކުރުމަށް ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބަޗަން ދެކެމުންދިޔަ ކުޑައިރުގެ ހުވަންފެން ހަގީގަތަކަށް ވެއްޖެ އެވެ.
އަބީޝެކާއި މެޖިކް ޖޯންސަން ބައްދަލުވެފައިވަނީ، ނިއުޔޯކުގައި އޮތް ނެޝަނަލް ބާސްކެޓްބޯޅަ އެސޯސިއޭޝަން އޯލް-ސްޓާ ވީކެންޑުގައެވެ. އޯލް-ސްޓާ ވީކެންޑަކީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ތެރޭގައި ހަފްތާއެއް ވަންދެން ބާއްވާ ބާސްކެޓްބޯޅަ ހަރަކާތެކެވެ.
"ކުޑައިރު ދެކެމުންއައި ހުވަފެނެއް މިއަދު ވަނީ ހަގީގަތަކަށް ވެފައި. އަހަރެންގެ އައިޑަލް މެޖިކް ޖޯންސަން އާ ބައްދަލުވެއްޖެ،" ޖޯންސަން އާއެކު ނަގާފައިއިން ފޮޓޯއަކާއެކު އަބީޝެކް އޭނާގެ ޓްވީޓާގައި ބުނެފައިވެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ބޭއްވި އެންބީއޭ އޯލް-ސްޓާ ވީކެންޑުގެ ގުޑްވިލް އެމްބެސެޑަރު އަބީޝެކް ކުރިން ބުނެފައިވަނީ، އޭނާގެ އަތުގައި އޮތް އެންމެ އަގުހުރި އެއްޗަކީ އެންބީއޭގެ ތާރީހުގައި އެންމެ މޮޅު 50 ކުޅުންތެރިންގެ ގޮތުގައި 1996 ވަނަ އަހަރު ހިމެނުނު ޖޯންސަން ސޮއިކޮށްފައި ދިން ޖާޒީ ކަމަށެވެ.
ނެޝަނަލް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެންބީއޭ) ގައި ވާދަކުރާ ލޮސްއެންޖަލިސް ލޭކާސް އަށް ކުޅުމަށްފަހު، އެއިޑްސް ވައިރަސް ހުރި ކަމަށް ބުނެ ޖޯންސަން ވަނީ 1991 ވަނަ އަހަރު ކުޅިވަރުގެ މައިދާނުން ރިޓަޔާ ކޮށްފައެވެ. އަދި އޭނާ ވަނީ އެންބީއޭ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައެވެ.