ޖަމައިކާގައި މިހާރު ކުރިއަށްދާ ކޭމްޕަރޑައުން ކްލެސިކްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވާދަކުރި އެންމެ ފުރަތަމަ އިވެންޓު އޭނާ ކާމިޔާބު ކޮށްފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ސާއިދު ވާދަކޮށްފައި ވަނީ ކޭމްޕަރޑައުން ކްލެސިކްގެ 19 އަހަރުން މަތީގެ 400 މީޓަރު އޯޕަންސް އިވެންޓުގައެވެ. އެ އިވެންޓުގައި ސާއިދާއެކު އިތުރު އަށް އެތުލީޓަކު ވާދަކޮށްފައި ވާއިރު، އޭނާ އެ އިވެންޓުގެ އެއްވަނަ ހޯދީ 48.45 ސިކުންތުން އިވެންޓު ނިންމައިންނެވެ.

މުޅިއެކު 64 ހަތަރު އެތުލީޓުން ބައިވެރިވި 400 މީޓަރު އިވެންޓު ކުރިއަށް ގެންގޮސްފައި ވަނީ ހީޓުތަކަކަށް ބަހާލައިންނެވެ. ސާއިދު އެ އިވެންޓުގެ ފަސްވަނަ ހީޓުގައި ވާދަކޮށްފައި ވާއިރު، ހުރިހާ ހީޓެއްގައި ވާދަކުރި 64 ދުވުންތެރިންގެ ތެރެއިން އޭނާ ހޮވިފައި ވަނީ 13 ވަނައަށެވެ.

ސާއިދު އެންމެ ފަހުން 400 މީޓަރު ދުވުމުގެ ރޭހެއްގައި ވާދަކޮށްފައި ވަނީ 2013 ވަނަ އަހަރު ޖަމައިކާގައި ބޭއްވި ޑިވެލޮޕްމަންޓް މީޓްގަ އެވެ. އެފަހަރު 47.48 ސިކުންތުން އެ އިވެންޓު ސާއިދު ނިންމާފައި ވާއިރު، އޭނާ ވަނީ 400 މީޓަރު ދުވުމުގެ ރާއްޖޭގެ ގައުމީ ރިކޯޑު އެފަހަރު އާ ކޮށްފައެވެ.

އޭގެ އިތުރުން ސާއިދު ވަނީ މިދިޔަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިވެންޓުން ސެމީފައިނަލަށް ދަތުރު ކޮށްފައެވެ. އަދި އެ މުބާރާތުގައި އޭނާ ހޯދި ކާމިޔާބީ ފާހަގަކޮށް ރޭ ބޭއްވި 21 ވަނަ ހަވީރު ސްޕޯޓްސް އެވޯޑްސްގައި އޭނާއަށް ވަނީ އެކަމާ ގުޅިގެން ހާއްސަ އެވޯޑެއް ދީފައެވެ.