އިންތިހާބަކާ ނުލައި ނ. މިލަދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި ކައުންސިލަރު މަގާމުގެ ހުވާކުރައްވައިފި އެވެ.

މިލަދޫ ކައުންސިލުން ބުނީ އެ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އިންތިހާބްވެފައިވާ ނަސްރުއްﷲ މުހައްމަދު މަގާމުގެ ހުވާކުރެއްވުން އޮތީ އިއްޔެ ހަވީރު އެެރަށު ހިދާޔާ ސްކޫލްގައި ކަމަށެވެ. އޭނާއަށް ހުވާލައިދެއްވީ މިލަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ޝިފާއު އެވެ.

މިލަދޫ ކައުންސިލްގެ ގޮނޑި ނަސްރުﷲ ކާމިޔާބު ކުރައްވާފައި ވަނީ އެ ގޮނޑިއަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނެތުމުން ނެވެ.

މިލަދޫ ކައުންސިލްގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ ކުރިން އެ ކައުންސިލްގައި މަސައްކަތް ކުރެއްވި ކައުންސިލް މެމްބަރު އަބޫބަކުރު އަލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން ނެވެ.

ކައުންސިލްގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ ހަތަރު މެމްބަރުންނާއި ޕީޕީއެމްގެ އެއް މެމްބަރެކެވެ.