17 Feb 2015, 10:22
ޕާކިސްތާނުގެ އަލް މެހްރާން ޕަބްލިކް ސްކޫލުގެ ޓީޗަރެއްގެ ގަޔަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ބަޑިޖަހައި މަރާލައިފި އެވެ.
ޕާކިސްތާނުގައި އިއްޔެ ބަޑިޖަހައި މަރާލާފައި ވަނީ މެހްރާން ޕަބްލިކް ސުކޫލުގެ، 35، އަބްދުލް ހަފީޒު ގާޒީ އެވެ.
މީޑިއާ ރިޕޯޓުތަށް ބުނާގޮތުން އޭނާ ގަޔަށް ބަޑިޖަހައި މަރާލީ މެހްރާން ޕަބްލިކް ސުކޫލުގެ ބޭރުގައި ހުއްޓައި އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި ބަޑި ޖެހީ ކާކުކަން ފުލުހުންގެ ތަހުގީގަށް ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ބަޑި ޖަހާފައިވަނީ ބަޑި ހިފައިގެން ސައިކަލުގައި އައި ދެމީހުން ކުރެ އެކަކުކަމަށް ފުލުހުން ބުންޏެވެ.
އަބްދުލް ހަފީޒު ގާޒީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެ ހާދިސާ ހިނގާފައި ވަނީ އިއްޔެ މެހްރާން ޕަބްލިކް ސްކޫލުގެ އެސެމްބްލީ ނިމި ކްލާސްތަކަށް ކުދިން ދިޔަ ފަހުންނެވެ. އެހާދިސާގެ ތަހުގީގު ޕާކިސްތާނުގެ ސިފައިން ދަނީ ކުރަމުންނެެވެ.
ޕާކިސްތާނުގެ ކަރާޗީގައި މަތީފެންވަރުގެ ވަޒީފާ އަދާކުރާ، ޑޮކްޓަރުން، ލޯޔަރުން އަދި ޓީޗަރުންނަށް ހަމަލާ ދިނުމަކީ އާންމު ކަމެކެވެ. ބައެއްފަހަރު ފައިސާގެ ދަހިވެތިކަމުގައި ނުވަތަ ބަދަލު ހިފުމުގެ ގޮތުންވެސް އެފަދަ ކަންކަން ކުރާކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ.