ހަނގުރާމައިގެ ސަބަބުން ހަމަނުޖެހުން ބޮޑު ބައެއް ގައުމުތަކުން ވަގު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުމަށް 41 މީހަކު މަސައްކަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ، އެ މީހުންނަކީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިއްޔެގެ ނިޔަލަށް ފޯޖް ޕާސްޕޯޓްގައި ރާއްޖެ އައުމަށް މަސައްކަތް ކޮށްފައިވާ މެދުއިރުމައްޗަށާއި ދެކުނުއިރުމަތީ އޭސިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުން ކަަމަށެވެ.

ސައްހަ ނޫން ޕާސްޕޯޓްގައި ރާއްޖެ އައިސްފައިވާ އެ މީހުން މިހާރު ވަނީ އަނބުރާ، އެމީހުން އައި ގައުމުތަކަށް ފޮނުވާލާފަ އެވެ.

އޮފިޝަލް ވިދާޅުވީ، ވަގު ޕާސްޕޯޓްގެ މައްސަލަތައް ދެނެގަނެ އެފަދަ މީހުން ރާއްޖެ އެތެެރެެވުން ހުއްޓުވުމަށްޓަކައި އިމިގްރޭޝަންގެ އޮފިޝަލުން ތަމްރީން ކުރުމާ ބެހޭ ޕްރޮގްރާމެއް، އެމެރިކާއާ ގުޅިގެން އިއްޔެ ރާއްޖޭގައި ފަށައިފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން އެފަދަ ކަންކަމަށް އޮޮފިޝަލުން ޓްރޭންކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އެކަނި ވެސް ވަގު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި 130 މީހަކު ހިފެހެއްޓުމަށް ފަހު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައި ވެއެވެ.