17 Feb 2015, 09:43
ޑިރެކްޓަރުންގެ ބޯޑުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން މަސައްކަތްކުރުމުގެ މަގްސަދުގައި، "ވިމެން އޮން ބޯޑްސް" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި އެވެ.
ވިމެން އޮން ބޯޑްސް އަކީ ޑިރެކްޓަރުންގެ ބޯޑުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަށާއި ވިޔަފާރީގައި އަންހެނުންގެ އިސް ދައުރެއް އަދާކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމާއި އަންހެނުންގެ ކެރިއާ ގައިޑެންސް، ކޯޗިން އަދި މެންޓަރިން ޕްރޮގްރާމްތައް ހިންގުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.
އޭގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ބޯޑުތަކާއި ކޮމިޓީތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ރާއްޖެއާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ދެޖިންސުގެ ހަމަހަމަކަމަށް މަސައްކަތް ކުރުމާއި ކޯޕަރޭޓް ގަވަނަންސް އުސޫލުތައް ކުރިއެރުވުމާއި ބޯޑު ޑައިވާސިޓީ ކުރިއެރުވުން ހިމެނެ އެވެ.
އެގޮތުން އެ ބޯޑުތަކުގައި ބައިވެރިވާ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ އެ ޖަމިއްޔާ ރަޖިސްޓަރީ ކޮށްފައި ވަނީ މިއަހަރު ޖެނުއަރީމަހު އެވެ.
"ވިމެން އޮން ބޯޑްސް" ގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާ އެގްޒެކެޓިވް ބޯޑު އެކުލަވާލައި ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިހާރު ކޮންމެ ދިވެހި ރައްޔިތަކަށް ހުޅުވާލާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެގޮތުން ހަނދުވަރީ ހިނގުމުގައި ހުންނަ މ. ވެސްޓެންޑް ގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެ ޖަމިއްޔާގެ އިދާރާއަށް ހުށަހެޅުމުން ބައިވެރިވެނޭނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ.