ހެރިޓޭޖް އިމާރާތްތައް ރައްކާތެރިކުރުމުގެ އުސޫލުތަކާބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވަން ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ހަމަޖައްސައިފި އެވެ.
އެޑިޕާޓްމަންޓުން ބުނީ މެލޭޝިޔާގެ ޔުނިވާސީޓީ އޮފް މެލެޔާ އާއި ހެރިޓޭޖް ޑިޕާޓްމަންޓާ ގުޅިގެން ހިންގާ ވޯކްޝޮޕްގެ ފުރަތަމަ ބައި އޮންނާނީ މި މަހުގެ 28 ން މާޗް 21 އަށް މޭލޭޝިޔާގައި ކަމަށާއި ވޯކްޝޮޕްގެ ދެވަނަ ބައި އޮންނާނީ މާޗް 28 އިން މޭ މަހުގެ 23 އަށް މާލޭގައި ކަމަށެވެ.
މި ވޯކްޝޮޕްގައި ހެރިޓޭޖް އިމާރާތްތައް ރައްކާތެރިކުރުމާބެހޭ އުސޫލުތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް ޔުނެސްކޯގެ ހެރިޓޭޖް ލިސްޓްގައި މާލޭ ހުކުރި މިސްކިތް ހިމެނުމަށް ނޮމިނޭޝަން ތައްޔާރު ކުރުމަށް މިސްކިތްތައް ސާވޭ ކުރުން ހިމަނައި މައުލޫމާތުތައް ބަދަލު ކުރާނެ އެވެ.
މީގެ އިތުރުން ތިން ހަފުތާގެ މި ވޯކްޝޮޕްގައި ބައިވެރިންނަށް ހެރިޓޭޖް އިމާރާތްތައް ރައްކާތެރިކުރުމާބެހޭ އުސޫލުތަކާއި މަފްހޫމާއި ބައިނަލްއަގުވާމީ ކޮންޒަވޭޝަން ޗާޓާ ގައިޑްލައިނާބެހޭ މައުލޫމާތު ދިނުން ވެސް ހިމެނެ އެވެ.