ތަމަޅަ ހަނގުރާމަވެރިން ފަހަތަށް ޖައްސައި މައުސޫމް އެތައް ހާސް ބަޔަކު ނުހައްގުންމަރާލި ކަމަށް ބުނާ، ލަންކާގެ ދާހިލީ ހަނގުރާމައިގެ އދ. ރިޕޯޓް ނެރުން ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.

ބީބީސީ އިން މިއަދު ބުނީ އެ ރިޕޯޓް ނެރުން ފަސްކުރުމާ ގުޅިގެން ލަންކާ ސަރުކާރުން އެކަމަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ. އަދި ލަންކާ ސަރުކާރުން ބުނީ، ހުރިހާ ވައްތަރެއްގެ އިންސާނީ ހައްގުތަކުގެ މައްޗަށް ނެރޭ ރިޕޯޓަށް ލަންކާގެ އާ ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ލަންކާގެ ޖަފްނާގައި ވަކި ސަރުކާރެއް ގާއިމު ކުރުމަށް މަސައްކަތް ކުރި، އިންޑިއާ ދަރިކޮޅުގެ ތަމަޅައިން ބަލިކޮށް މިނިވަންކަން ހޯދުމަށް ލަންކާ ސިފައިން 26 އަހަރު ހަނގުރާމަ ކުރި އެވެ. އެ ހަނގުރާމަ ފަތަހަ ކުރީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރުން 2009 ވަނަ އަހަރު އެވެ. ނަމަވެސް ހަނގުރާމަ ނިންމި އަހަރު އެކަނި ވެސް 40،000 ވަރަކަށް މައުސޫމް މީހުން މަރުވެފައިވާ ކަމަށް ހުޅަނގުން ބުނެ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިދިޔަ އަހަރު ބުނީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ. ނަމަވެސް އެ ތަހުގީގު އެންމެ ބާރަށް ކުރި އަށް ނުގޮސް އޮތީ، ކުރީގެ ރައީސް ރާޖަޕަކްސާގެ ސަރުކާރުން އެކަމަށް އެއްބާރުލުން ނުދިނުމުންނެވެ.

އދ.ގެ ރިޕޯޓް ނެރުމަށް ހަމަޖެހިފައި އޮތީ އަންނަ މަހު އެވެ. ނަމަވެސް އާ ރައީސް މައިތިރި ޕާލާ ސިރިސޭނާގެ ސަރުކާރުން ބޭނުންވީ އެ ރިޕޯޓް ނެރުން ފަސްކުރުމަށެވެ.

ލަންކާގެ ރައީސް މިވަގު ވަޑައިގެން ހުންނެވީ އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީގެދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގަ އެވެ.

ލަންކާ ސަރުކާރުން ބުނީ އދ.ގެ ރިޕޯޓް ނެރުން ފަސް ކުރުމަށް ބޭނުން ވަނީ، އެ ރިޕޯޓްގައި ފާހަގަ ކުރާ ކަންކަން ބެލުމަށް އަމިއްލަ އިންކްއަރީ ކޮމިޝަނެއް ގާއިމު ކުރުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ޒައިދު ރާލް އަލް ހުސައިން ވިދާޅުވީ ރިޕޯޓް ނެރުން ފަސްކުރުމަށް ފުރުސަތު ލިބުމަކީ ރަނގަޅު ކަމެއް ކަމަށާއި ފަހުން ހޯދުނު އިތުރު ބައިތައް ރިޕޯޓްގައި ހެމެނުމަށް އޭރުން ފުރުސަތު ލިބޭނެ ކަމަށެވެ.