ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކުރާ ހުރިހާ ކަމެއް ކޯޓަށް ވައްދާނެ ކަމަށް އިދިކޮޅު އެމްޑީޕީއާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެ ދެ ޕާޓީ ގުޅިގެން އުފައްދާފައިވާ އިންޓަ ޕާޓީ ކޮމިޝަންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ ހުސައިން މިރޭ ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް މި ސަރުކާރުން ކުރާ ކަންތައްތައް ބެލުމަށްފަހު "ފަހަރަކު ކަމެއް ފަހަރަކު ކަމެއް ކޯޓަށް ވަށްދާނަން" ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ހައި ކޯޓުގެ ގޮފިތަކެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

"ދިވެހިރާއްޖޭގެ ހައިކޯޓު ތިން ގޮތްޕަކަށް ބަހާލާފައި ތިން ދިމާލެއްގައި ހައި ކޯޓުގެ ބުރާންޗުތައް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް. ކޯޓުތަކުގެ ގާނޫނަށް ގެނެވުނު އިސްލާހެއް ކަމުގައިވީ ނަމަވެސް އެއީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު އިސްލާހަކަށް ވާތީ އެ މައްސަލަ ހައި ކޯޓު ބަހާލި މައްސަލަ އަދި ސުޕްރީމް ކޯޓުގެ ފަރާތުން ސިވިލް ކޯޓުގެ މައްސަލަތަކާއި މެދު އަޅުގަނޑުމެން މިރޭ ވާނީ އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުވާ ކުރުމަށް ނިންމާފައި،" ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ މި ހަފްތާގެ ފަހު ކޮޅު ނުވަތަ އަންނަ ހަފްތާގައި ހައި ކޯޓަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ ދައުވާތަކާއި ގުޅިގެން އެމްޑީޕީ-ޖޭޕީ ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ހުސައިން ތުހުމަތު ކުރެއްވި ގޮތުގައި ހައި ކޯޓުގެ މައްޗަށް ސަރުކާރުން "ނުފޫޒު" ފޯރުވުމަށް މަސައްްކަތް ކުރަމުންދާ ކަމަށެވެ.

ޖޭޕީ-އެމްޑީޕީ އިން ހުށަހަޅާ ދައުވާތަކަށް އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް ގަބޫލުފުޅުކުރައްވަންތޯ ސުވާލު ދެންނެވުމުން އަލީ ހުސައިން ވިދާޅުވީ ފަނޑިޔާރު ގޭގައި ތިއްބެވި ހުރިހާ ފަނޑިޔާރުންނަކީ "ގޯސް" ބައެއް ނޫން ކަމަށެވެ.

"ހުރިހާ ފަނޑިޔާރުންނަކީ އަބުރު ގެއްލިފައި ތިބި ބައެއް ނޫން އަދި އެބޭފުޅުންގެ އިންސާފުވެރި ކަމާއި މެދު ސުވާލު އުފެދިފައިވާ ބައެއް ވެސް ނޫން. ފަނޑިޔާރު ގޭގައި އެބަ ތިއްބެވި ވަރަށް ރަނގަޅު ބޭފުޅުން ވަރަށް ރަނގަޅަށް ހުކުމް ކުރައްވާ ބޭފުޅުން. އެހެންވީމަ އުއްމީދު އެބައޮތް އަޅުގަނޑުމެން ބޭނުންވާ އިންސާފު އަދި އަޅުގަނޑުމެން ބޭނުންވާ ފަދަ ހުކުމެއް ނެރެދޭނެ ކަމަށް އުއްމީދު އެބައޮތް،" އަލީ ހުސައިން ވިދާޅުވި އެވެ.