ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އެއްބޭފުޅަކު އަދި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށްފިއެވެ.

މިރޭ ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ އެ ކޮމިޝަންގެ ކުރީގެ މެމްބަރު އަހްމަދު ރަޝީދުއެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ފާސްކޮށްފައިވާ ހަތަރު ބޭފުޅުންނަކީ ޖޭއެސްސީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވެވަޑައިގަންނަވާ ހދ.މަކުނުދޫ ޕިކެޑްލީ ހަސަން ފަހީމް އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީގަލް އޮފިސަރު މުހައްމަދު ހަލީމާއި ގ.ފަރިދޫ އަލީ އަބްދުﷲ އާއި ޅ.ކުރެންދޫ ރީޙުއްޞަބާ އަބްދުއްނާސިރު ޝަފީގެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރަން ފާސްކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު މުހުތާޒު މުހުސިން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.

ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަންކުރަން ފާސްކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިސްތިއުފާދެއްވާފައިވާތީ އާއި އަދި އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަކަމުން އިތުރު ފަނޑިޔާރުން ބޭނުންވާތީ އެވެ.