16 Feb 2015, 19:16
މަދަނީ ބޭނުންތަކަށް ނިއުކްލިއާ ހަކަތަ އުފެއްދުމަށް ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމުގެ އެއްބަސް ވުމެއްގައި އަވަށްޓެރި ސްރީ ލަންކާ އާއި އިންޑީއާ އާ ދެމެދު ސޮއިކޮށްފި އެވެ.
ލަންކާ އާއި އިންޑިއާއާ ދެމެދު ނިއުކްލިއާ ހަކަތައާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި މި ވަނީ، ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހުއެވެ.
ދެގައުމުގެ ދެމެދުގައި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ސުލްހަވެރި ބޭނުމުގައި ނިއުކްލިއާ ހަކަތަ އުފެއްދުމަށް އެއް ގައުމުން އަނެއްގައުމަށް، އިލްމާއި ތަޖްރިބާ ބަދަލުކުރުމާއި، ވަސީލަތްތައް ހިއްސާކުރުމާއި، ހަކަތަ އުފައްދާނޭ ޖާގަ އިތުރުކުރުން ހިމެނެ އެވެ. އަދި ރޭޑިއޯއައިސޮޓޯޕް، ނިއުކްލިއާ ސޭފްޓީ، ނިއުކްލިއާ ސެކިއުރިޓީ، ރޭޑިއޯ އެކްޓިވްސް ވޭސްޓް މެނޭޖްމަންޓް، ދިމާވެދާނެ ރޭޑިއޯލޮޖިކަލް ކާރިސާތައް ކުޑަކުރުމާއި، ތިމާވެއްޓަށް ލިބިދާނޭ ގެއްލުންތައް ކުޑަކުރުންފަދަ ކަންކަމަށް މީހުން ތަމްރީނު ކުރުންފަދަ ކަންކަން ހިމެނެއެވެ.
ނިއުކްލިއާ އެއްބަސްވުމުގެ އިތުރުން ލަންކާ އާއި އިންޑިއާއާ ދެމެދު މިއަދު ވަނީ، 2015 އިން 2018 އާ ހަމައަށް ސަގާފީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އޭގެ އިތުރުން ތައުލީމާއި ދަނޑުވެރިކަމާ ގުޅުންހުރި ދެ އެމްއޯޔޫއެއްގައި ވެސް އެ ދެގައުމުގެ ދެމެދުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. (ކޮލަމްބޯ ގެޒެޓް)