ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހުންކޮށްފަ ނުކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަތަކުގެ އަޑުއެހުންތައް ހައި ކޯޓުގައި ކުރިއަށް ދިޔައިރު، އެމްޑީޕީ-ޖޭޕީން ބޭއްވި އެއްވުމުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްސަލަ ޕީޖީ އިން އަނބުރާ ގެންދިޔައީ ދިރާސާކުރުމުގެ ބޭނުމުގައި ކަމަށް ވަންޏާ އަދި އެހެން ގޮތެއް ވެސް ހަދާފާނެ ކަމަށެވެ.

"އެބޭފުޅުން ކޮށްފަ ނުކުރާނެ ކަމެއް އަދި ދަންނަވާކަށް ނޭނގެ. ތި ވިދާޅުވާހެން ދިރާސާ ކުރުމުގެ ބޭނުމުގައި ނެންގެވީ ކަމަށްވަނީ ވިއްޔާ ދިރާސާ ކުރައްވާފަ މުރާޖާ ކުރައްވާފަ އެބޭފުޅުން އަދި އެހެން ގޮތެއް ވެސް ހައްދަވާފާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދަން އުޅުނު އުޅުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫން ކަމަށާއި ދައުވާ އަނބުރާ ގެންދެވީތީ ޝުކުރުދަންނަވާ ކަމަށެވެ.

"އެހެންވީމަ އެކަން ކުރައްވާފައިވުމަކީ އަޅުގަނޑުމެން އެކަމަށް ޝުކުރު ދަންނަވާނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިޔުމަށް ސިޔާސީ ޕާޓީތަކުން އެދޭ ކަމަށާއި ރާއްޖޭގެ ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުނިޔެ އެކަމާމެދު ދެކޭ ގޮތާއި އަދި އާންމު ހަމަޔާ އާންމު އިންސާފު އެކަމުގައި އޮތް ގޮތް އެންމެނަށް އެނގޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ކުރިއަށް ގެންދަން އުޅުއްވުމަކީ ކަންބޮޑުވި ކަމެއް ކަމަށާއި ނަމަވެސް މައްސަލަ އަނބުރާ ގެންދިޔުމަކީ ހައިރާންވާންވީ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އަރިހުގައި ހުންނަވައި ޖުމްހޫރޫީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދައުވާ އަނބުރާ ގެންދެވީ އެކަމާ ގުޅޭ ގޮތުން އެމަނިކުފާނު މީގެ ކުރިން ގޮވާލި ގޮވާލުންތަކަށް ވިސްނާވަޑައިގަތުމަށްފަހު ސަރުކާރުގެ ލާފަޔާއެކު ނިންމެވި ނިންމުމެއް ކަމަށެވެ. އަދި ރައީސް ނަޝީދު ތިން އަހަރަށް ޖަލަށްލައިގެން މިގައުމަށްވާނެ އިތުރު ރަނގަޅެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ރައީސް ނަޝީދު ވިދާޅުވިފަދައިން ރައީސް ނަޝީދު ދޫކޮށްލަން ގޮވާލި އެންމެ ފުރަތަމަ މީހާ. ދެން އެއާ ގުޅޭ ގޮތުން އަޅުގަނޑަށް ޔަގީން އެމަނިކުފާނު ވެސް ވިސްނާވަޑައިގަތުންތަކެއް ވިސްނާ ވަޑައިގަތުމަށްފަހު އަދި ސަރުކާރުން ވެސް ލިބިވަޑައިގަންނަވާނެ ލަފާތަކެއް ހޯއްދެވުމަށްފަހު ކަންނޭނގެ،" ގާސިމް ވިދާޅުވި އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް މިއަދު "ސަން" އަށް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ ހުރިހާ ބޭފުޅުންގެ މައްސަލަތައް ވެސް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މައްސަލައް އަނބުރާ ގެންދިޔައީ އިތުރަށް ދިރާސާ ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.