ކުރިއަށް އޮތް ތިން އިންތިހާބެއް ކާމިޔާބު ކުރުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީ އާއި ގައުމީ ޕާޓީން ކޯލިޝަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި ޑީއާރުޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެވެ. ގައުމީ ޕާޓީން އެ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދެވެ.

ދެ ފަރާތުންވި އެއްބަސްވުމަށް ފަހު ބަނޑޮހުގައި ބޭއްވި ނޫސްކޮންފަރެއްސެއްގައި ތަސްމީން ވިދާޅުވީ މިއަދުވި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބު ދެ ޕާޓީ ގުޅިގެން ކާމިޔާބު ކުރުމާއި އަދި އެއަށް ފަހު ވިދިގެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ.

ްއެއްބަސްވުމުގައިވާ ގޮތުން 2013 ވަނަ އަހަރުގެ އިންތިހާބުގައި ޑީއާރުޕީ ކެންޑިޑޭޓަށް ތާއީދު ކުރަން ޖެހެ އެވެ.
މިއަދުގެ ނޫސްކޮންފަރެއްސުގައި ތަސްމީން ވިދާޅުވީ ދެ ފަރާތުންވި އެއްބަސްވުމުގައި ސަރުކާރުގެ މަގާމުތައް ބަހާނެ ގޮތް ބަޔާންކޮށްފައި ނުވާނެ ކަމަށާއި އަދި ރަނިން މޭޓުގެ މައްސަލަ ހަމަޖައްސާނެ ގޮތެއް ވެސް ބަޔާންކޮށްފައި ނުވާނެ ކަމަށެވެ.
ތަސްމީން ވިދާޅުވި ގޮތުގައި އެ ގޮތަށް ނިންމީ، ގިނަ ޕާޓީތަކުން ޑީއާރުޕީއާ ގުޅުމުގެ ދޮރުހުޅުވާފައި ބޭއްވުމުގެ ގޮތުން ކަމަށާއި ރަނިންމޭޓަކާއި ކެބިނެޓްގެ މަގާމުތައް ކުރިން ހަމަޖައްސައިފި ނަމަ އެ ކަމަށް ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.

ގައުމީ ޕާޓީއާ އެކު ވި އެއްބަސްވުމުގެ ސަބަބުން ޕީއޭއާ އެކު ވެފައިވާ އެއްބަސްވުމަށް ފުށުއެރުމެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ތަސްމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ، ޕީއޭއާއި ޑީއާރުޕީން ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައި އޮންނާނީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުން ކަމަށާއި އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

މިއަދުގެ ނޫސްކޮންފަރެންސުގައި ޑރ. ހަސަން ވިދާޅުވީ އެ ޕާޓީން ޑީއާރުޕީއާ ގުޅުނީ، ޑީއާރުޕީ އަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އަތޮޅުތަކުގައި ތިބި ޕާޓީއަކަށް ވާތީ ކަމަށާއި ގުޅިގެން ކުރާ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ވާސިލު ކުރުމަށް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ދެ ޕާޓީ ގުޅުމަށް ގައުމީ ޕާޓީގެ ޕާލަމެންޓް ގްރޫޕްގެ ރައީސް ރިޔާޒު ރަޝީދު އިއުތިރާޒު ކުރައްވާތޯ ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ހަސަން ވިދާޅުވީ ރިޔާޒު ހިޔާލުތަފާތުވާ މައްސަލަތަކެއް ހުރި ކަމަށާއި ނަމަވެސް ކައުންސިލްގެ ނިންމުމަށް އޭނާ އިހުތިރާމް ކުރައްވާ ކަމަށެވެ.