ކުޑަކުދިންނަށް ހާއްސަ ޗެނަލެއް ކަމަށްވާ "ޒޫމޫ" ޗެނަލް މިމަހު 28 ގައި ދޫކުރާ ގޮތަށް މީޑިއާނެޓުން ހަމަޖައްސައިފި އެވެ.

މީޑިއާނެޓުން މިއަދު ބުނީ މި މަހު 28 ގައި ރަސްމީކޮށް ލޯންޗް ކުރަން ހަމަޖެހިފައިވާ ކުޑަކުދިންނަށް ހާއްސަ އެ ޗެނަލަށް ހާއްސަ އެޕްލިކޭޝަނެއް ވެސް ލޯންޗުކުރާނެ ކަމަށެވެ.

އުމުރުން ތިން އަހަރާ ހަތް އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ އެ ޗެނަލަކީ ކުޑަކުދިންނަށް ރައްކާތެރި އަދި މުނިފޫހި ފިލުވައިދޭ ގިނަ ޕްރޮގްރާމްތަކެއް ގެނެސްދޭނެ ޗެނަލެއް ކަމަށް މީޑިއާނެޓުން ބުނެއެވެ.

ޕްރީ ސްކޫލް ކުދިންގެ ކިޔެވުމާ ގުޅޭ ގިނަ ކޮންޓެންޓް ތަކެއް ހިމެނޭ އެ ޗެނަލަކީ ޖުމްލަ ފަސް ތީމަކަށް ބަހާލައިގެން ދައްކަމުން އަންނަ ޗެނަލެކެވެ. އެގޮތުން އެ ޗެނަލުން ކުދިންގެ ކިޔެވުމާ ގުޅޭ ތަފާތު 1500 ޕްރޮގްރާމެއް ދައްކަ އެވެ.

އެކަމާ ގުޅިގެން މީޑިއާނެޓުގެ ސީއީއޯ އަހުމަދު ޝަފީއު ވިދާޅުވީ މިމަހު 28 ވަނަ ދުވަހު އަލަށް ލޯންޗް ކުރުމަށް ހަމަޖެހިފައިވާ ޒޫމޫ ޗެނަލަކީ މިހާތަނަށް މީޑިއާނެޓުން ދޫކޮށްފައިވާ ޗެނަލްތަކާ އަޅާ ބަލާއިރު ތަފާތު ޗެނަލަކަށް ވެގެންދާނެ ކަމަށެވެ.

ޒޫމޫ ޗެނަލާ އެކު ލޯންޗުކުރަން ހަމަޖެހިފައިވާ އެޕްލިކޭޝަނަކީ، މަޝްހޫރު ހުރިހާ އެޕް ސްޓޯ ތަކުން ވެސް ޑައުންލޯޑް ކުރެވޭނެ އެޕްލިކޭޝަނެކެވެ.