ފުލުހުންގެ ހައްޔަރުގައި ހުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޑަޔާޓް މުހައްމަދު ނާޒިމް ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފުގެ ދެ މައްސަލާގައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ނާޒިމް ހައި ކޯޓުގައި އިސްތިއުނާފު ކުރެއްވީ އޭނާ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ކޯޓުން ކުރި އަމުރެވެ. އޭނާ ކޯޓުގައި އެދިވަޑައިގެންފައި ވަނީ އެ ދެ އަމުރު ބާތިލްކޮށްދިނުމަށެވެ.

ޝަރީއަތުގެ އަޑުއެހުމަށް ނާޒިމް ހައިކޯޓަށް ހާޒިރުކޮށްފައި ވަނީ މިއަދު މެންދުރު 1:45 އެހައިކަންހާއިރު އެވެ. އަދި އަޑުއެހުންތައް ނިމިގެން އޭނާ އަނބުރާ ގެންގޮސްފައި ވަނީ ހަވީރު 5:26 އެހައިކަންހާއިރު އެވެ.

ހައިކޯޓުން އަލަށް ހަމަޖެއްސި އުސޫލުގައިވާގޮތުން ބަންދުގެ މުއްދަތާ ގުޅޭ ޝަރީއަތުގެ އަޑުއެހުންތައް ބާއްވަނީ ސިއްރު އަޑުއެހުންތަކުގެ ގޮތުގައެވެ. އެހެންކަމުން މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ނޫސްވެރިން ވެސް ވައްދާފައެއް ނުވެއެވެ.
ނާޒިމް ހައްޔަރުކޮށްފައި ވަނީ އޭނާގެ ގެ ބަލައިފާސްކޮށް ހަނގުރާމަވެރި ހަތިޔާރު އެގެއިން ފުލުހުންނަށް ފެނިފައިވާ ކަމަށް ބުނާ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިފަހުންނެވެ.

ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެފައި ވަނީ ފުލުހުން ނާޒިމް ދިރިއުޅުއްވާ އެ ޕާޓްމަންޓަށް ވަތް އިރު އެތަނުގައި ހަތިޔާރު ނުހުންނާނެ ކަމަށެވެ. އަދި އެ އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ހަތިޔާރާއި ނާޒިމާއި އެއްވެސް ގުޅުމެއް ނެތް ކަމަށާއި އަދި އެފަދަ ގުޅުމެއް އޮތްކަމުގެ ހެއްކެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުސް އޮފީހަށް ހާޒިރުކުރެއްވުމުން ނާޒިމް ވަނީ ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވައި ތަހުގީގަށް ބަޔާނެއް ދެއްވާފައެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ނާޒިމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ މިހާތަނަށް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށާއި އެ އޮފީހުން އަންނަނީ ދިރާސާކުރަމުން ކަމަށެވެ.