16 Feb 2015, 17:35
އދ. ފެންފުށީގެ މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތުކުރުމުގެ މަސައްކަތް ނިންމާލައިފަވާ ކަމަށް ޑިޕާޓުމަންޓު އޮފް ހެރިޓޭޖުން ބުނެފި އެވެ.
އެ ޑިޕާޓުމަންޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަޝްރޫއުގައި ހިމެނިފައިވާ ހަ މިސްކިތުގެ ތެރޭގައި ހިމެނޭ ފެންފުށި މިސްކިތުގެ އާބާތުތަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތް އެ ޑިޕާޓުމަންޓުން އިއްޔެ ނިންމާލައިފަވާ ކަމަށެވެ.
އެގޮތުން އެ މިސްކިތުގެ ނަމާދުކުރާ ކޮޓަރީގައިވާ ބެރި މަރާމާތު ކުރުމާއި ދޮރުތަކުގައި ހަލާކުވެފައިވާ އިލިތައް ބަދަލުކުރުމާއި މިސްކިތުގެ ދެކުނުފަރާތުގައިވާ ސިޑީގެ މަރާމާތާއި މައި ސިޑީގެ މަރާމާތު ހިމެނެ އެވެ.
"މީގެއިތުރުން މިސްކިތުގެ ހުޅަނގު ފަރާތުގެ ފާރު ކެމިކަލް ބޭނުންކޮށްގެން ސާފުކޮށް ގަބުރުސްތާނުގައި ހުރި މަހާނަ ގާތައް ސީދާ ކުރުމާއި ބިންދައިގެން ގޮސްފައިވާ މަހާނަ ގާތައް މަރާމާތު ކުރުން ހިމެނެ އެވެ." ބަޔާނުގައިވެ އެވެ.
ހެރިޓޭޖު ޑިޕާޓުމަންޓުން ބުނީ ފެންފުށި މިސްކިތުގައިވާ ވެވު ދޮވެ ސާފު ކުރުމާއި ވެވުގައިހުރި ހަލާކުވެފައިވާ ގާތައް މަރާމާތު ކުރުމުގެ އިތުރުން މިސްކިތުގައިވާ ދެ ވަޅު ވެސް ސާފުކޮށްފައިވާ ކަމަށެވެ.
ފެންފުށި މިސްކިތުގެ އާބާތުރަ ފިލުވުމަށް ހެރިޓޭޖު ޑިޕާޓުމަންޓުގެ މުވައްޒަފުން އދ. ފެންފުށްޓަށް ގޮސްފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ.