ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ހައުސްގައި ގާއިމްކޮށްފައިވާ ސްޕޯޓްސް މެޑިސިން ޔުނިޓް އިތުރަށް އަޕްގްރޭޑް ކޮށްފައި ވާކަމަށް އެފްއޭއެމުން މިއަދު ހާމަކޮށްފި އެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން ރާއްޖޭގެ ގައުމީ ޓީމްގެ މެޑިކަލް ސްޓާފް އަހުމަދު ޝަކީބު ބުނީ އެފްއޭއެމުން މިހާރު ފުޓްބޯޅައާ ގުޅޭ ހުރިހާ އިންޖަރީ ތަކަކަށްވެސް ފަރުވާ ދެވޭނެ ކަމަށެވެ. އަދި މިހާރު އެފްއޭއެމްގެ ސްޕޯޓްސް މެޑިސިން ޔުނިޓަށް އިތުރު އިކުއިޕްމަންޓް ގެނެވުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ޝަކީބް ބުންޏެވެ.

"މިހާރު އެފްއޭއެމުން ފުޓްބޯޅައާ ގުޅުންހުރި މައިގަނޑު ހުރިހާ އިންޖަރީއަކަށްވެސް އެކަމަށް ހާއްސަ ފަރުވާ ދެވޭނެ. އަދި ފުޓްބޯލް ސްޕެސިފިކް ޓްރީޓްމަންޓުގެ އިތުރުން އާންމުކޮށް ސްޕޯޓްސްގައި ދިމާވާ ގިނަ އިންޖަރީތަކަށްވެސް ފަރުވާ ދެވޭނެ. އޭގެ އިތުރުން މިހާރު އިތުރު އިކުއިޕްމަންޓް ގެނެވުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މި ދަނީ ކުރަމުން، އޭގެ ތެރޭގައި ރާއްޖޭގައި މިހާރު ދެވެން ނެތް ފަރުވާތަކަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްވެސް ހިމެނޭ،" ޝަކީބް ބުންޏެވެ.

އެފްއޭއެމް ސްޕޯޓްސް މެޑިސިން ޔުނިޓުގެ ވެއިޓިމްގް ރޫމް --- ފޮޓޯ/ އެފްއޭއެމް

ޝަކީބް ބުނީ އެފްއޭއެމްގެ ސްޕޯޓްސް މެޑިސިން ޔުނިޓަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު ކުޅުންތެރިންނަށް ގިނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށާއި، ކުޅުންތެރިން އިންޖަރީތަކުން ރިކަވާ ވާން ނަގާ ވަގުތު އަވަސްވެގެން ދާނެ ކަމަށެވެ.

މީގެ ކުރިން އެފްއޭއެމްގެ ސްޕޯޓްސް މެޑިސިން ޔުނިޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަންވެސް މިހާރު ހައްލު ކޮށްފައި ވާކަމަށް އޭނާ ބުންޏެވެ. އަދި ފަރުވާދޭ ސަރަހައްދުގެ އިތުރުން މިހާރު ސްޕޯޓްސް މެޑިސިން ޔުނިޓުގައި ވެއިޓިންގް ރޫމެއްވެސް ގާއިމް ކުރެވިފައި ވާކަމަށް ޝާކީބް ބުންޏެވެ.